އާޚިރަތް ދުވަހަކީ ދުނިޔަވީ ޙަޔާތް ނިމޭ ދުވަސްކަމާއި، އެ ދުވަހުގެ ބިރުވެރިކަމާއި މުހިންމުކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
ޚުޠުބާގައި ބުނީ އާޚިރަތް ދުވަސް އަންނާނެ ވަގުތެއް މާތްﷲ ފިޔަވައި އެހެން ފަރާތަކަށް ނޭނގޭނެކަމަށެވެ. އެ ދުވަހު އުޑުތަކާއި ބިންގަނޑު ފަޅައިގެން ގޮސް އިރުގެ އަލި ނެތިގެންދާނެކަމަށާއި އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ މީހަކާއިމެ ސީދާ ބަސްފުޅު ވަޙީކުރައްވާނެކަމަށް ޚުތުބާގައި ބުންޏެވެ.
اللهُ سُبْحَانَهُ وَتَعَالَى ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހައި ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. ﷲ އިރާދަކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއްފަހަރު ފުމެލައްވާހުށްޓެވެ. ފަހެ، އެހައިރުން އެއުރެން ތެދުވެ (މަޙުޝަރު ބިމުގައި) ބަލަބަލައި ތިބޭނެތެވެ."
އެ ދުވަހުގެ ބިރުވެރިކަން ބަޔާންކުރައްވަމުން ޚުތުބާގައި ބުނީ، އެއީ ފަންސާސް ހާސް އަހަރާއި އެއްވަރުގެ ދިގު ދުވަހެއް ކަމަށެވެ. އެ ދުވަހު އިރު ހުންނާނީ މީސްތަކުންނާ މޭލަކަށް ކައިރިކުރެވިފައި ކަމަށް ޙަދީޘް ބަސްފުޅުން އެނގޭ ކަމަށް ޚުތުބާގައި ބުންޏެވެ.
"އެ ދުވަހުން، މީސްތަކުންގެ ޢަމަލުތައް ހުންނަ ގޮތުން، އެއްބަޔަކު ތިބޭނީ އެ މީހުންގެ ގައިން އޮހޮރޭ ދަލުގެ ތެރޭގައި ތަނބިކަށްޓާއި ހަމައަށެވެ. އަނެއް ބަޔަކު އެ ބަޔެއްގެ ކަކުލާއި ހަމައަށެވެ. އަނެއްބަޔަކު އެބައެއްގެ އުނަގަނޑާއި ހަމައަށެވެ. އަނެއް ބަޔަކު ތިބޭނީ އެ ބަޔެއްގެ އަނގައާއި ހަމައަށް ގެނބިފައެވެ" ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނިގޮތުގައި، އެ ދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުން ނަޖާކުރައްވައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާ މީހުންގެ ތެރޭގައި އެކަލާނގެއަށް އަޅުކަންކުރުމުގައި ހެދިބޮޑުވަމުން އަންނަ ޒުވާނާ ހިމެނޭ ކަމަށެވެ.
ޤިޔާމަތް ދުވަހު ހިސާބު ބެއްލެވޭނެ ކަމަށާއި، ރެވިއޮށްޓަރެއްގެ މިންވަރުގެ ހެޔޮ ކަމެއް ވިޔަސް އަދި ނުބައި ކަމެއް ވިޔަސް އެ ދުވަހުން ގެނެވޭނެ ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި އެއްވެސް މީހަކަށް އެއްވެސް ކަމަކުން ﷲ ސުބުޙާނަހޫ ވަތަޢާލާ ބޭއިންސާފެއް ނުކުރައްވާނެ ކަމަށް ވެސް ޚުޠުބާގައި ފާހަގަކުރިއެވެ.
ޚުޠުބާގައި ބުނީ، މުޖުތަމަޢުގައި މިއަދު މިވަނީ އެކަކު އަނެކަކަށް އިޙްތިރާމުކުރުމާއި، އަޅައިލުމާއި އޯގާތެރިވުންފަދަ ކަންކަން ހިތާމަކުރަންޖެހޭ މިންވަރަށް ދަށްވެފައިކަމަށެވެ. މީސްމީޑިޔާއާއި، ޚަބަރު ފަތުރާ ވަސީލަތްތައް ބޭނުންކޮށްގެން، ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމްކުރެއްވި ބޮޑެތި ފާފަތަކަށް އަރައިގަތުމުގައި ބަޔަކު އަވަދިނެތި އުޅޭ އިރު، އެމީހުންނަށް މިކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ހީވެސްނުވާ ކަހަލައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވާ ނަމަ، މިފަދަ ކަންކަމުން ދުރުހެލިވެެލިވެ، ރައްކާތެރިވާންޖެހޭ ކަމަށް ޚުޠުބާގައި އިރުޝާދު ދެއްވިއެވެ.
އާޚިރަތް ދުވަހަށް ތައްޔާރުވުމުގެ މުހިންމުކަން ފާހަގަކުރަމުން، ބުއްދިވެރި މީހަކީ ތިމާގެ ނަފުސު ހިސާބުކޮށް ޢަމަލުތައް ވަޒަންކޮށް އަންނަން އޮތް ދުވަހަށް ތައްޔާރުވާ މީހާ ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ނުކުޅެދުންތެރިއަކީ، ހަވާނަފުސަށް ތަބާވެ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ފޮނި އުންމީދުކުރާ މީހާ ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ އިންސާނާ ކިތަންމެ ގިނަ ހެޔޮކަމަކާއިގެން ﷲ ސުބުޙާނަހޫ ވަތަޢާލާއާއި ބައްދަލުކުރިޔަސް، މީސްތަކުންގެ ޙައްޤުތަކަށް އޭނާ ރައްކާތެރި ނުވެއްޖެ ނަމަ، އެ ހެޔޮ ޢަމަލަކުން އޭނާއަށް ކުރާނެ އެއްވެސް މަންފާއެއް ނޯންނާނެއެވެ.
ޚުޠުބާގައި ބުނީ، ޤިޔާމަތް ދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޙައުޟުކޮޅު ދެއްވާނެކަމަށެވެ. އޭގެ ފެން ކިރަށް ވުރެ ހުދުވާނެ ކަމަށާއި، މާމުޔަށް ވުޔަށް ވުރެ ފޮނިވާނެ ކަމަށް ވިދާޅުވިއެވެ. އެއިން ފެންބުއިމުގެ ނަސީބު ލިބިގެންދާނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެ، އެކަލާނގެއަށް އިޚްލާޞްތެރިކަމާއިއެކު އަޅުކަންކޮށް، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވާ މީހުންނަށް ކަމަށް ޚުޠުބާގައި ބުންޏެވެ.
އާޚިރަތް ދުވަހަށް ތައްޔާރުވުމުގެ ގޮތުން ދުނިޔޭގައި ހެޔޮ ޢަމަލުތައް ކުރުމަށާއި، ނުބައި ކަންކަމުން ދުރުހެލިވުމަށް އިރުޝާދު ދެއްވައި އަދި މީސްތަކުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ހުތުބާގައި ވަނީ ނަސޭޙަތްތެރިވެފައެވެ.