ނަމޫނާ އިޤްތިޞާދެއް ބިނާކުރުމަށް އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އެފަދަ ވިޔަފާރިވެރިންގެ ޤާބިލުކަން އިތުރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކާމިޔާބީތައް ޤައުމީ ފެންވަރުގައި ފާހަގަކޮށް އެފަރާތްތަކުގެ އަގުވަޒަންކުރުމަށްދޭ އެވޯޑު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ނައިބު ރައީސް ވިދާޅުވީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ ރާއްޖޭގެ އިޤްތިޞާދުގެ ނާރެސްކަމަށެވެ. އަދި އެއީ، ވަޒީފާގެ ފުރުޞަތުތައް އުފެއްދުމާއި، އައު އީޖާދުތައް ކުރުމާއި، އިޤްތިޞާދީ ދުވެލި ހަލުވިކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެފަދަ ވިޔަފާރިތައް ހިންގާ ވިޔަފާރިވެރިންނަކީ މުޖުތަމަޢުގެ ތަރައްގީއާއި، ދިރުމާއި، ކުރިއެރުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާ، ގައުމީ ތަރައްޤީގައި ވަރަށް ބޮޑު ޤުރުބާނީއެއް ވެވަޑައިގަންނަވާ ޚިދުމަތްތެރީންތަކެއްކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
"ނަމޫނާ އިޤްތިޞާދެއް ބިނާކުރުމުގައި އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރުގެ މުހިންމުކަން މިހާރަށް ވުރެ ވެސް ބޮޑަށް ދެނެގަނެ، މި ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރިވެރީންގެ ޤާބިލުކަން އިތުރުކޮށްދެއްވުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ޒިންމާއެއް. އެހެންކަމުން، އަޅުގަނޑުމެންގެ އިޤްތިޞާދު އިތުރަށް ކުރިއަރުވަން އެންމެން ގުޅިގެން މަސައްކަތްކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން" ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި 21 ވަނަ ޤަރުނުގައި، ދެކެމުން މި އަންނަނީ ފަންނިއްޔާތުގެ އައު ކަންކަމާއި، ޑިޖިޓަލް މާކެޓުތަކާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ފަހި ފުރުޞަތުތަކެވެ. އެ ދާއިރާތަކުން ފަހި ނަތީޖާ ހާސިލްކޮށް ފުރިހަމަ ކާމިޔާބަށް ވާސިލުވުމަށް ދިވެހި ވިޔަފާރިވެރިން އެފަދަ ހުނަރުތަކާއި އުކުޅުތައް ދަސްކޮށް އޭގެ ބޭނުން ހިފުމުގެ މުހިއްމުކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ އެކަމުގައި މާލީ އެހީތެރިކަމާއި، ފަންނީ ތަމްރީނުތަކާއި، ޤާނޫނީ ލުއިތައް ދިނުމަކީ މުހިންމު ކަމެއްކަމަށެވެ.








