ސްޓެލްކޯއިން އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކުރުމަށް ފަހު އިސްލާމިކް މިނިސްޓްރީއާ ޙަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯއިން ވަނީ އިސްލާމީ މަރުކަޒުގެ މުންނާރުގެ ދަށުގައި މަރާމާތުކޮށްފައިވާ މަސްފެންގަނޑު ރަސްމީކޮށް އެ މިނިސްޓްރީއާ ޙަވާލުކޮށްފައި ކަމަށެވެ. މި މަސައްކަތަކީ ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން ކާމިޔާބުކަމާއެކު ނިންމާލި މަސައްކަތެއް ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.
މި މަސައްކަތް ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން ކުރުމަށް އެ ކުންފުނިން ޝައުޤުވެރިކަން ފާޅުކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަޙުމީ، މިނިސްޓަރ ޑރ. ޝަހީމްއާއި ބައްދަލުކުރެއްވުމަށްފަހުއެވެ. އެ މަޝްވަރާއަށްފަހު ރަސްމީ އެކްސް އެކައުންޓުގައި ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އެ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މަސައްކަތްތަކަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ސްޓެލްކޯއިން އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށްފައި. / ފޮޓޯ: މިނިސްޓްރީ
މީގެ ކުރިން މިނިސްޓަރ ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒު ކައިރީގައި އެ ވުޒާރާއިން އަލަށް މަސްފެންގަނޑެއް ހަދަން ނޫޅޭ ކަމަށާއި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތް ގޮތުން މިވަގުތު މިބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ އެ ޢިއުލާނު ބާޠިލްކުރަން އަންގަވާފައިވާ ކަމަށެވެ.
ޝަހީމް ވިދާޅުވީ އެ ފެންގަނޑަކީ އިސްލާމީ މަރުކަޒު އެޅީއްސުރެ މުންނާރު ތިރީގައި އޮންނަ ފެންގަނޑެއް ކަމަށާއި އެތަން ހަލާކުވެފައި ހުރުމުން މަރާމާތުކުރުމުގެ މަސައްކަތެއް ފަށަން އުޅުނީ ކަމަށެވެ. ނަމަވެސް އެއްވެސް ޙާލެއްގައި އެ މިނިސްޓްރީން އަލަށް މަސްފެންގަނޑެއް ހަދަން އުޅުނީ ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ.
ސްޓެލްކޯއިން މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކޮށްފައި ވަނީ އޭގެ ފަހުންނެވެ.
އިސްލާމީ މަރުކަޒުގެ މުންނާރާއި، އިސްލާމީ މަރުކަޒުގެ ސަރަޙައްދު މިހާރަށްވުރެ ޒީނަތްތެރިކޮށް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެންނެވެ.






