ރާއްޖޭގެ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންގެ މައްސަލަ އެއްކޮށް ޙައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓް (ޑީޖޭޖޭ)ގެ އައު ލޯގޯ އިފްތިތާޙް ކޮށްދެއްވާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ކުޑަކުދިންނަކީ އޭގެ ޒާތުގައި ކުށްކުރާ ބައެއް ނޫން ކަމަށާއި އެހެން ނޫންނަމަވެސް މުޖްތަމަޢުގެ ތެރޭ ކަންކަން އޮންނަ ގޮތުން ކުދިން ކުށްތަކަށް ހުށަހެޅި އޭގެއިން ސަލާމަތް ނުވެ ކުށްވެރިންނަށް ވެގެންދާ ކަމަށެވެ.
ރާއްޖޭގެ ކުށުގެ ވެށީގެ އުޅޭ ކުޑަކުދިންގެ މައްސަލަ އެއްކޮށް ޙައްލުކުރުމަކީ ރައީސް މުޢިއްޒުގެ ތަޞައްވުރެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރައީސްގެ މި އުއްމީދު އަދި ވަޢުދުފުޅު ކާމިޔާބުކޮށް ޑެލިވަރ ކުރުމަށް ޑީޖޭޖޭގެ މަސައްކަތް ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ، ކުޑަކުދިން ޢަދުލުގެ ނިޒާމުގެ ތެރެއަށް ނުގޮސް އެކުދިންނަށް ރަނގަޅު ކުރިމަގެއް ހޯދައިދީ ކާމިޔާބު ޒުވާނުންނަށް ހެދުމުގެ މަސައްކަތަކީ ޑީޖޭޖޭއާ ޙަވާލުކުރެވިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ.
މިހާތަނަށް އެޑިޕާޓްމަންޓުގެ މަސައްކަތް ކުރެވެމުން އައިއިރު، އެކަށީގެންވާ ވަރަށް ވަސީލަތްތައް ޤާއިމްކުރެވިފައި ނެތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެ އިދާރާއަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހޯއްދަވައި ދެއްވުން ކަމަށެވެ.
"އަޅުގަނޑު ޤަބޫލުކުރަން މިޑިޕާޓްމަންޓަށް ބޭނުން ހުރިހާ ވަސީލަތެއް އަދި އިންސާނީ ވަސީލަތެއް އަދި ފޯރުކޮށް ނުދެވޭ. އަޅުގަނޑުމެންގެ އަމާޒަކީ މި ދައުރުތެރޭ މި ޑިޕާޓްމަންޓަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފޯރުކޮށްދިނުން. އެކަމަށްޓަކައި ރާއްޖޭގެ ދިމަ ދިމާލުގައި ޤާއިމްކުރަން ޖެހޭ ޖުވެނައިލް ޖަސްޓިސްގެ ޔުނިޓްތަކާއި، އޭގެ އިތުރުން ތިބޭފުޅުންގެ މަސައްކަތަށް ބޭނުންވާ ފެސިލިޓީސްތައް ތައްޔާރުކޮށްފައި، މިޑިޕާޓްމަންޓާއި ހަވާލުކުރުމަކީ އަޅުގަނޑުމެން އެންމެ އިސްކަން ދީގެން ކުރާ އެއްކަންތައް." ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ފާހަގަކުރެވޭ ކުށްކުރާ ގްރޫޕުތަކުގައި ހިމެނޭ ކުޑަކުދިން ޑީޖޭޖޭއާ ގުޅިގެން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފެށުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކުށްކުރާ ގްރޫޕުތަކުގެ ބިރުވެރިކަން މާލެ ސަރަޙައްދާއި ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި އެބައޮތް ކަމަށާއި މަސްތުވާތަކެއްޗާއި ގްރޫޕުތަކުގެ ނުރައްކަލުން މުޖުތަމަޢު ސަލާމަތް ކުރުމަށް ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ސަރުކާރުން ދެކެއެވެ. އަދި އެފަދަ ގްރޫޕުތަކުން 18 ނުފުރޭ ކުޑަކުދިން ރެކްރޫޓު ކުރާ ކަމަށާއި، އެހެންކަމުން އެކުދިން ރިހެބިލިޓޭޓް ކުރުމުގެ އިތުރުން މިފަދަ ގްރޫޕުތަކުގެ ބޮޑުންނާ ހަމައަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.









