ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ގދ. ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު އަޝްރަފް ރަޝީދާއި، އެއަތޮޅު ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދާއި ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ އަންގާރަ ދުވަހު ރައީސް އޮފީހުގައި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ފިޔޯރީގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ރަށުގެ ޒުވާނުން މިވަގުތު ފުޓުބޯޅަ ކުޅުމަށްޓަކައި ރަށުގެ ބޮޑު ސްޓޭޑިއަމްގައި ޓާފު އެޅުމަށް ބޭނުންވާކަމަށާއި، ރަށުގައި ޒުވާނުންގެ މަރުކަޒެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލް ރައީސާއި ދާއިރާގެ މަޖިލީސް މެންބަރު އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރަށުގައި އޭ.ޓީ.އެމް ގެ ޚިދުމަތް ނެތުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެބޭފުޅުން ޙިއްޞާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ރަށުގެ ސޫކޫލުގެ ޙާލަތު ރަނގަޅުކުރުމަށް ބޭނުންވާކަމަށާއި، ޞިއްޙީ ޚިދުމަތް 24 ގަޑިއިރު ދެވޭ ތަނެއްގެ ގޮތުގައި ހައްދަވައިދެއްވުމަށް ނައިބު ރައީސްގެ ކިބައިން އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ ކައުންސިލް ރައީސާއި ދާއިރާގެ މަޖިލިސް މެންބަރު ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯދައިދެއްވުމަށް ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތީން ފައްޓަވައިދެއްވި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.








