ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރިސެސްއަށް ދާނެކަމަށް އެ ކޯޓުން އިއުލާނުކޮށްފިއެވެ. މި ރިސެސް ދެމިގެންދާނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށެވެ.
ސުޕްރީމް ކޯޓުން ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން މި ރިސެސް ނިންމާފައިވާ ކަމަށެވެ. ރިސެސްގެ މުއްދަތުގައި ޝަރީޢަތުގެ އަޑުއެހުންތައް ނުބޭއްވުނު ނަމަވެސް، ކޯޓަށް މައްސަލަ ބަލައިގަތުމާއި އެހެނިހެން އިދާރީ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ކޯޓުން ހާމަކޮށްފައިވެއެވެ.
ކޯޓުތަކާއި ބެހޭ ޤާނޫނުގައިވާ ގޮތުން، ސުޕްރީމް ކޯޓުގެ އަހަރީ ދައުރު ފެށެނީ ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހުގައެވެ. އަދި ނިމެނީ ނޮވެމްބަރު މަހުގެ ފަހު ހަފުތާގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުގައެވެ. ނަމަވެސް، ޤާނޫނުއަސާސީ ނުވަތަ ޤާނޫނަކުން ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ކަމަށް ކަނޑައަޅާފައިވާ މައްސަލަތައް މި ރިސެސްގެ ތެރޭގައިވެސް ބެލުމަށް ހުރަހެއް ނެތެވެ.








