ޣައްޒާގައި ބާކީ ތިބި ކަމަށް ބެލެވޭ 101 ރަހީނުން ހޯދުމުގެ މަސައްކަތް އިސްރާއީލުން ހުއްޓާނުލާނެ ކަމަށާއި، ކޮންމެ ރަހީނެއް އަނބުރާ ގެނެސްދޭ މީހަކަށް ފަސް މިލިއަން ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު އަދި އެ ޤައުމުގެ ސިފައިންގެ ވެރިޔާއާ އެކު ޣައްޒާއަށް ކުރެއްވި ދަތުރުފުޅުގައި ބޮޑުވަޒީރު ވިދާޅުވީ ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ނިމުމުން ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ޣައްޒާގެ ވެރިކަން ދެން ނުކުރާނެ ކަމަށާއި އެ ޖަމާޢަތުގެ އަސްކަރީ ޤާބިލުކަން ވެސް ނައްތާލެވޭނެ ކަމަށެވެ.
ހަމާސްގެ ބާރު ކަނޑުވާލައި ރަހީނުން ހޯދުމުގެ ނަމުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ޙަމަލާ ދެމުންގެންދާއިރުވެސް އެމީހުންނަކަށް ލަނޑުދަނޑި ޙާޞިލެއް ނުކުރެވުނެވެ. މިހާތަނަށް ޣައްޒާއިން ގާތްގަނޑަކަށް ބައިލައްކައެއްހައި މީހުން ޝަހީދުވެ 103,898 މީހުން ޒަޚަމްވުމުގެ އިތުރުން އިސްރާއީލްގެ 800 އެއެއްހައި ސިފައިން ވެސް މަރުވެ، އެތައް ހާސް ބަޔަކު ޒަޚަމްވެ އަދި އެތައް މިލިއަން ޑޮލަރުގެ ވެހިކަލްތައް ހަލާކުވީއިރުވެސް، ޔަހޫދީ ލަޝްކަރަށް ހަމާސް ބަލި ނުކުރެވުނެވެ. ރަހީނުންވެސް މިހާތަނަށް ލިބުނީ ހަމާސްއިން ދިނީމައެވެ.








