އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުގެ ބިލުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ދީފިއެވެ.
ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހަށް މިއަދު އެމްޑީޕީގެ ފަރާތުން ހުށަހެޅި "އިސްރާއީލު ޕާސްޕޯޓް މަނާކުރުމުގެ ބިލު އަވަސްކުރުމަށް ބާރުއެޅުމަށް ސަރުކާރަށް ގޮވައިލާ ޤަރާރު" ބަލައިނުގަތުމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ވޯޓު ދިނީ، އެއީ މަޖިލީހުގެ ވަގުތު ނަގައިލުމުގެ ބޭނުމުގައި ވެއްދި ޤަރާރެއް ކަމަށް ދެކޭތީ ކަމަށެވެ.
ޕީއެންސީން ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް އެންމެ ހަރުއަޑުން ކުށްވެރިކުރައްވާ އަދި ފަލަސްތީނު ދައުލަތެއް ޤާއިމްކުރުމަށް އެންމެ ވަރުގަދައަށް ވަކާލާތު ކުރައްވާ އެއް ލީޑަރު ކަމަށެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރާ މަސައްކަތް ފަލަސްތީނު ރައްޔިތުންގެ ހައްޤުގައި މި ސަރުކާރުން ކުރާކަން ރާއްޖޭގެ ކުރީގެ ރައީސުން ވެސް ފާހަގަކުރައްވާ ކަމަށް ޕީއެންސީން ބުންޏެވެ.
ޕީއެންސީން ޔަޤީންކަން ދީފައިވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް، އެކަމާ ގުޅޭ މާހިރުންގެ ލަފަޔާ އިރުޝާދާއެކު ކުރިއަށް ގެންގޮސް، އެކުލަވާލާފައިވާ ތާވަލާ އެއްގޮތަށް އެ މަސައްކަތް ނިންމާނެ ކަމަށެވެ. އަދި ރައީސް މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި ޕީއެންސީ އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް ކަމަށް ވެސް ޕީއެންސީން ފާހަގަކުރިއެވެ.









