އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޑެޕިއުޓީ ޑިރެކްޓަރެއް މިލިއަނެއްހާ ރުފިޔާގެ ޚިޔާނާތުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފިއެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ރެކްރިއޭޝަން ކުލަބުގެ މާލީ ހިސާބުތަކާއި ގުޅިގެން މިހާރު ކުރަމުންދާ އޮޑިޓެއްގައި ކުލަބުގެ ކުރީގެ ދައުރާއި މިހާރުގެ ދައުރުގެ ރައީސްއާ ގުޅުން ހުރި ބައެއް ކަންކަން ފާހަގަކުރެވި، ކޮމިޝަންގެ ސަމާލުކަމަށް ގެނެވިފައިވާތީ، އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި މައްސަލަ ބަލަމުންދާ ކަމަށް ވެއެވެ.
އޭސީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ސަސްޕެންޑްކުރެވުނު މުވައްޒަފު ވަނީ ކޮމިޝަންގައި އަދާކުރާ މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކުން ދުރުކޮށް، މަސްއޫލިއްޔަތުތަކުން ވެސް އެކަހެރިކޮށްފައެވެ. އަދި މި މުވައްޒަފަކީ ކޮމިޝަންގެ ތަޙުޤީޤުތަކާއި ގުޅުން ހުރި އެއްވެސް މަސައްކަތެއް އެއްވެސް އިރެއްގައި ކޮށްފައިވާ މުވައްޒަފެއް ނޫން ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
އޭސީސީގެ ރެކްރިއޭޝަން ކްލަބް ހިންގަނީ މުވައްޒަފުން އަތުން ޗަންދާ ނަގައިގެން ކަމަށް ވާއިރު، ސަސްޕެންޑްކުރެވުނު މުވައްޒަފާ ގުޅޭ ގޮތުން ބަލަމުންދާ ޚިޔާނާތުގެ މައްސަލައިގެ ތަފްސީލު އޭސީސީގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ސަސްޕެންޑްކުރެވުނު މުވައްޒަފަކީ 2007 ވަނަ އަހަރުން ފެށިގެން އޭސީސީގައި މަސައްކަތްކުރަމުން އަންނަ ޑެޕިއުޓީ ޑިރެކްޓަރ ހަސަން މަނިކު ކަމަށް ބެލެވެއެވެ. އޭނާއަކީ އޭސީސީގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދޭ ފަރާތްވެސް މެއެވެ.
މިމައްސަލަ ތަޙުޤީޤު ކުރަމުންދާތީވެ، ކަމާއިގުޅޭ އިތުރު މަޢުލޫމާތެއް އޭސީސީން ދޭން ބޭނުމެއް ނުވެއެވެ.









