ރާއްޖޭގެ ސަރަޙައްދުން ބައެއް ދޫކޮށްލުމާއި ބޭރުގެ ސިފައިންނަށް ރާއްޖޭގައި ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ޤާނޫނު އިސްލާހުކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޝާހިދު ވަނީ ޤާނޫނު އަސާސީގެ 251 ވަނަ މާއްދާގެ (ނ) އިސްލާހުކުރަންވެސް ހުށަހަޅުއްވާފައެވެ.
އެ މާއްދާގައި މިހާރު ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަށް ދީގެން ނުވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ހުށަހަޅައި ފާސްކުރި އިސްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ނޫނީ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫން ވެސް ގޮތަކަށް ރާއްޖެއިން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަޙައްދުން އަސްކަރީ ބޭނުމަށް ބޭނުންކުރުމުގެ ހުއްދަ ދީގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ އަސްކަރީ ބޭނުމަށް ރާއްޖޭގެ ސަރަޙައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ހަރަކާތްތެރިވުމަށް ހުއްދަ ދީގެން ނުވާނެ ކަމަށް ވެސް ޕީއެންސީގެ އެ އިސްލާހުގައިވެއެވެ.
މިއަދު ހަވީރު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި އިސްލާހުތައް ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 91 މެންބަރުންގެ ތެރެއިން 78 މެންބަރުންގެ ވޯޓުންނެވެ. 13 މެންބަރުން ވަނީ މި އިސްލާހުތަކާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
ބޭރުގެ އަސްކަރިއްޔާގެ ބާރުތައް ދިވެހިރާއްޖެއިން ނައްތާލާ، މި ޤައުމަކީ ދިވެހިންގެ ބާރު ހިނގާ ޤައުމަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.
މި އިސްލާހުތައް ފާސްކޮށްފަިވަނީ އިދިކޮޅު އެމްޑީޕީ މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަމުންދަނިކޮށެވެ. މި އިސްލާހުތަކަކީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭނެ އިސްލާހުތަކެވެ.









