ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުވެވަޑައިގަންނަވާ ޕާޓީ ބަދަލުކުރައްވާނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އެންޓި ޑިފެކްޝަންގެ އިސްލާހުތަކަށް ބަހުސް ކުރުމަށް ފަހު މުޅި މަޖިލީހުގެ ކޮމިޓީއަށް އެ ބިލް ފޮނުވާފައިވަނީ މިއަދުއެވެ.
ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ވޯޓަށް އަހާފައިވަނީ ރޯލްކޯލް ވޯޓަކުން، ވަކިވަކިން މެންބަރުންނާ ސުވާލުކޮށްގެންނެވެ. އެގޮތަށް ވޯޓަށް އަހާފައިވަނީ ވޯޓިންގ ސިސްޓަމުގައި މައްސަލައެއް ޖެހުމާ ގުޅިގެންނެވެ.
ރޯލްކޯލް ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ބިލް ފާސްކުރަން ފެންނަކަމަށް ވޯޓުދެއްވާފައިވަނީ 75 މެންބަރުންނެވެ. އަދި ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 13 މެންބަރުންނެވެ. އެއާއެކު އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްވެފައިވާކަމަށް ނިންމާފައިވާއިރު، އެ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކުރުމަށްޓަކައި މިއަދު ހަވީރު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާނުކުރައްވާފައެވެ.
ޕީއެންސީން ތައްޔާރުކޮށްފައިވާ ބިލުގައި، މަޖިލިސް މެންބަރުން މަޤާމުން ވަކިވާނެ ހަތަރު ޙާލަތެއް ބަޔާންކޮށްފައިވެއެވެ. އެއީ އަމިއްލަ މެންބަރަކު ޕާޓީއަކާ ގުޅުމުންނާއި، އިންތިޚާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުންނާއި، އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އިންތިޚާބުވި ޕާޓީން ވަކިކުރުމުންނެވެ.









