ބޮޑުކަންނެލި މަސްވެރިކަމަށް އައު ޕެކިންގ ފެސިލިޓީ ޤާއިމްކުރުމުގެ މަސައްކަތް އަވަހަށް ނިންމޭތޯ ބަލަމުން އަންނަ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ ކަނޑުމަހުގެ މަސްވެރިކަމަށް ބޮޑު އިންވެސްޓުމެންޓުތައް ކުރިއަށް ގެންދާއިރު ބޮޑުކަންނެލި މަސްވެރިކަމަށް ވެސް ވުޒާރާއިން މުހިންމު ކަންކަން ރާވައި ތަންފީޒުކުރަމުން އަންނަ ކަމަށެވެ.
ވުޒާރާއިން ބުނީ ބޮޑު ކަންނެލި މަސްވެރިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕެކިންގ ފެސިލިޓީއެއްގެ ޚިދުމަތް ނުލިބުން ކަމަށްވާއިރު، މިކަމަށް ޙައްލު ހޯދުމަށްޓަކައި ޕެކިންގ ފެސިލިޓީއެއް އެޅުމަށް ހުޅުމާލެ ފޭސް އެކަކުން 20 ހާސް އަކަފޫޓުގެ ބިމެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން މި ފެސިލިޓީ ބިނާކުރުމަށް ފަންޑު ވެސް ހަމަޖެހިފައިވާކަމަށް ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން ބުނީ އެ ވުޒާރާއިން މަސައްކަތް ކުރަމުން އަންނަނީ ވީ އެންމެ އަވަހަކަށް މި ފެސިލިޓީ ނިންމާ އޭގެ ފައިދާ ބޮޑުކަންނެލީގެ މަސައްކަތް ކުރާ ފަރާތްކަށް ލިބޭ ގޮތް ތަނަވަސްކޮށްދިނުމަށް ކަމަށެވެ.
ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ ބޮޑު ކަންނެލި މަސްވެރިކަން ރާއްޖޭގައި ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތަކީ އެކަމުގައި މަސައްކަތްކުރާ މަސްވެރިންގެ އަޑު އަހައިގެން ކުރިއަށް ދިއުން ކަމަށެވެ.









