މަސްވެރިކަމާއި ކަނޑުގެ ވަޞީލަތާއި ބެހޭ 25 އަހަރުގެ މާސްޓަރ ޕްލޭނެއް ހަދަން ނިންމާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ ކަންކަމަކީ ރޭވިފައިވާ ޕްލޭނެއްގެ ދަށުން ކުރާ ކަންތައްތަކަށް ހެދުމަށްޓަކައި ޤާނޫނަކުން ބާރު ލިބޭ ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭނެއް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅެއް ކަމަށެވެ.
ވުޒާރާއިން ބުނީ މަސްވެރިކަމާއި ގުޅޭ ގޮތުން 25 އަހަރުގެ މާސްޓަރ ޕްލޭނެއް ހަދަން ނިންމީ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ސިންދަފާތުކޮށް ކުރިއެރުވުމަށް ކުރާ ކަންތައްތަކަކީވެސް ރޭވި ކުރެހިފައިވާ އިސްތިރާޖީ ޕްލޭނެއްގެ ދަށުން ކުރިއަށްގެންދާ ކަންތައްތަކަށް ހެދުމަށްޓަކައި ކަމަށެވެ.
މަސްވެރިކަމުގެ ދާއިރާގެ ކަންތައްތައް ޙައްލުކޮށް، މި ދާއިރާގެ މަސައްކަތްތަކަކީ މަސްވެރިންނަށް ފަސޭހަ މަސައްކަތްތަކަކަށް ހެދުމަށްޓަކައި ސަރުކާރުން ޚާއްސަ އިސްކަމެއް ދޭކަން ފާހަގަކުރެވެއެވެ. އެގޮތުން ޕްރޮސެސިންގ ފެސިލިޓީތަކާއި ކޯލްޑް ސްޓޯރޭޖްތައް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ އިރު، މި މަސައްކަތާއެކު މަސްވެރިކަމުން ލިބޭ އާމްދަނީ ދެގުނަ އިތުރުވެގެންދާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މީގެ އިތުރުން މަސްވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނެގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ކޮންމެ އަތޮޅެއްގެ އެއް ރަށުގައި ތެޔޮ ސްޓޯރޭޖް ޤާއިމް ކުރުމުގެ މަޝްރޫޢުވެސް މި މަހު އިފްތިތާޙުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.









