ޤައުމީ ތަރައްޤީގެ ޕްލޭން ހެދުމަށް އެއިރެއްގައި ހުންނަވާ ރައީސަށް ބާރު ދިނުމުގެ ގޮތުން ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ހުށަހެޅުއްވި މި ބިލުގައި ހިމެނެނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއަށް ބައެއް އިތުރުކުރުމަށެވެ. އެ މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ބަޔާންކުރާ މާއްދާއެވެ.
ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އެންގުމާއި، އެތަންތަނަށް ބޭނުންވާ އިރުޝާދު ދިނުން ހިމެނެއެވެ.
ޝާޑު ހުށަހެޅުއްވި ބިލުގައި އިތުރުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކުރު، މެދު އަދި ދުރު ރާސްތާއަށް އަމާޒަމާޒުކޮށް ޤައުމީ ތަރައްޤީގެ ޕްލޭންތަކާއި ތަޞައްވުރުތައް އެކަށައެޅުމުގެ ބާރު ލިބިދިނުމަށެވެ.
މި ބިލު ހުށަހަޅާފައިވަނީ ސަރުކާރުން ހުށަހެޅި އާބަން ޑިވެލޮޕްމަންޓް ބިލާއި ގުޅިގެން ބައެއް ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އާބަން ޑިވެލޮޕްމަންޓް ބިލުގައި ރަށްރަށުގެ ޕްލޭންތައް ސަރުކާރަށް ނިންމޭ ގޮތަށް އޮތުމާއި ގުޅިގެން ބައެއް ކައުންސިލަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކައުމްސިލްތަކުން ޢަމަލުނކުރަމުން އަންނަނީ ރާއްޖޭގެ ޤައުމީ ތަރައްޤީގެ މާސްޓާ ޕްލޭނެއް އެކުލަވާލާއިރު އެނޕްލޭނަށް ވިސްނުމެއް ނެތިއެވެ. އެކަމުގެ ސަބަބުން ކުރިމަގުގައި ގެއްލުންވާނީ އެރަށްތަކުގެ ރައްޔިތުންނަށެވެ. ބައެއް ކައުންސިލްތަކުން އެގޮތަށް ކަންތައްތައް ކުރަނީ ސިޔާސީ ގޮތުން ނުވަތަ މާއްދީ ފައިދާއެއް ހޯދުމަށެވެ.
މި ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.









