ފަލަސްޠީނުގެ ހަމާސް ޖަމާޢަތުން ވަނީ އެމެރިކާއިން އެ ޖަމާޢަތުގެ 6 ލީޑަރުންނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކުށްވެރިކޮށްފައެވެ. އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން މި ފިޔަވަޅުތައް އަޅާފައިވަނީ މި ލީޑަރުންނަކީ ހަމާސްއަށް ފައިސާ ހޯދުމާއި ހަތިޔާރު ހޯދުމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކެއް ކަމަށް ބުނެއެވެ.
ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ އެމެރިކާއިން އިސްރާއީލަށް ދޭ ތާޢީދު ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި މިއީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކާއި ދެކޮޅު، އިސްރާއީލުގެ އިހުތިލާލަށް ތާއީދުކުރާ ސިޔާސަތެއް ކަމަށް ހަމާސްއިން ބުނެފައިވެއެވެ.
"އެމެރިކާގެ ސަރުކާރުން ދަނީ އަޅުގަނޑުމެންގެ ރައްޔިތުންގެ ޙައްޤުތަކާއި ދެކޮޅު ސިޔާސަތުތައް ގެންގުޅެމުންނެވެ. އަދި ޒަޔަނިސްޓު ވެރިކަމުގެ ކުށްވެރިންނަށް ޣައްޒާގެ ނަސްލުނައްތައިލުމުގެ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. މިއީ ހުރިހާ ޤާނޫނުތަކާއި މުއާހަދާތަކާއި ޚިލާފު ކަމެއް.." ހަމާސްގެ ބަޔާނުގައި ބުނެފައިވެއެވެ.
ހަމާސްއިން ބުނެފައިވަނީ އެމެރިކާއިން މި ފިޔަވަޅުތައް އަޅާފައިވަނީ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި މިއީ ހަމާސްގެ ލީޑަރުންގެ އިމޭޖް ހަލާކުކުރުމަށް ކުރާ މަސައްކަތެއް ކަމަށް ހަމާސްއިން ބުނެފައިވެއެވެ.
ހަމާސްއިން އެމެރިކާއަށް ގޮވާލާފައިވަނީ އިސްރާއީލަށް ދޭ ތާޢީދު ހުއްޓާލުމަށާއި، އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ކުރާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ބާރުއެޅުމަށެވެ. އަދި އެމެރިކާގެ ސިޔާސަތު މުރާޖަޢާކުރުމަށް ހަމާސްއިން ގޮވާލާފައިވެއެވެ.
"އެމެރިކާގެ ސަރުކާރުން މި ކުށްވެރި ސިޔާސަތު އަލުން މުރާޖަޢާކުރަންޖެހެއެވެ. އަދި ޓެރަރިސްޓު އިހުތިލާލު ވެރިކަމަށް ދޭ ތާއީދު ހުއްޓާލަންޖެހެއެވެ. އަޅުގަނޑުމެންގެ ފަލަސްތީނު ރައްޔިތުން، ބާރުގެ ބޭނުންކޮށްގެން ބޯލަނބައިގަނެވޭނެ ކަމުގެ ހުވަފެން ދޫކޮށްލަންޖެހެއެވެ،" ހަމާސްގެ ބަޔާނުގައި ބުނެފައިވެއެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އެމެރިކާގެ ބައެއް ސެނެޓަރުން ވަނީ އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ގޮވާލާފައެވެ. އެ ސެނެޓަރުން ބުނެފައިވަނީ އެމެރިކާއިން އިސްރާއީލަށް ދޭ އެހީތެރިކަމަކީ ޣައްޒާގައި ހިންގާ ނަސްލީ ޖަރީމާވެރި ހަނގުރާމައިގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ.
2023 ގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ ޙަމަލާތަކުގައި ގާތްގަނޑަކަށް ބައިލައްކައެއްހައި ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ބެލެވެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.









