ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފްލެޓްތައް ދޫކޮށްފައިވަނީ ނުފޫޒާއި ބާރު ބޭނުންކޮށްގެން ކަމަށާއި، މިހާރު ރައްޔިތުންގެ ޙައްޤުގެ ވާހަކަ ދެއްކުމަށް އެ ޕާޓީން ލަދުގަންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޙުސައިން ވިދާޅުވީ، ހުޅުމާލެ އުތުރު ދާއިރާގައި ބޮޑު ދަފްތަރެއް އޮތް ކަމަށާއި، އެ ދަފްތަރުގައި ތިބި ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގޫ ޙާލަތަށް ނިމުމެއް ގެންނަން ޖެހޭ ކަމަށެވެ.
"50 އަހަރު ހަޔާތުން ކަނޑައްތު ކޮށްފައި ވަނީ އެންމެ ކަމެއްގެ އުންމީދުގައި. ބޯހިޔާވެހިކަމަށް ޓަކައި އުންމީދުކުރީ. ދަފްތަރެއްގައި ނަން ޖައްސައިގެން ތިބި 50 އަހަރު ކަނޑައްތުކޮށްފައި ދިޔައިރު ބޯހިޔާވެހިކަމެއް ނުލިބޭ." ހުސައިން ވިދާޅުވިއެވެ.
ހުސައިން އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ފްލެޓް ދިނުމުގައި ގެންގުޅުނު ޝަރުތުތަކަކީ ބޭއިންސާފުން ކަނޑައަޅާފައިވާ ޝަރުތުތަކެއް ކަމަށެވެ. އޭގެ ތެރޭގައި އުމުރުން 40 އަހަރު ވުމުން ނުވަތަ 18 އަހަރުގެ ދަރިއެއް ހުރުމުން ޝަރުތު އުނިވާ ގޮތަށް ހަމަޖައްސާފައި އޮތުން ހިމެނެއެވެ.
"ބޯހިޔާވެހިކަމަށް ޓަކައި އެޅި ހުރިހާ ފްލެޓްތައް ނޫފުޒާއި ބާރާއި ސިޔާސީ ފަރާތްތަކުގެ މަސްލަޙަތަށް ޓަކައި މީހުންނަށް ހިތަށް އެރި ގޮތަކަށް ދީފައި ރައްޔިތުންގެ ޙައްޤޭ ކިޔައިގެން ވާހަކަދައްކަން އެމްޑީޕީ ސަރުކާރުން ލަދުގަންނަންޖެހޭ." ހުސައިން ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެން ބޯހިޔާވެހިކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައިވަނީ މި ފިލާވަޅުން އިބުރަތް ހާސިލްކުރެއްވުމަށް ފަހު ކަމަށެވެ.









