2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސް މިއަދު ނިންމަވާލާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރިޔާސަތުން ވިދާޅުވީ ބަޖެޓް ބަހުސްކުރައްވަން ބޭނުންފުޅުވާ ހުރިހާ މެމްބަރުންނަށް ފުރުޞަތު ދިނުމަށްފަހު، މިއަދު ބަޖެޓް ބަހުސްގެ މަސައްކަތް ނިންމަވާލާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި އެންމެ އިސްކަމެއް ދީފައިވަނީ ގެދޮރުވެރިކަމަށް ކަމަށާއި، އެކަމަށް 2.5 ބިލިއަން ރުފިޔާ ހިމަނާފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ބަޖެޓުގައި ޚަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ. މީގެއިތުރުން ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 12.4 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.
ސަރުކާރުން ބުނެފައިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ވަރަށް އުއްމީދީ ބަޖެޓެއް ކަމަށާއި، މިއީ ފަހުގެ ތާރީޚެއްގައި ޑެފިސިޓް އެންމެ ކުޑަ ބަޖެޓު ކަމަށެވެ. އަންނަ އަހަރަށް ލަފާކުރާ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ.
ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައި ވެއެވެ.









