ސިފައިންގެ ރެކްރޫޓުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ހުވާ ކުރި ސިފައިންނަށް ބަޑި ޙަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ސިފައިންނަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޑރ. މުޙައްމަދު އިބްރާހީމެވެ. އަދި، މި ފަރާތްތަކަށް ބަޑި ހަވާލުކުރާއިރު އަންގާ އެންގުން އިއްވަވައިދެއްވީ އެޖުޓަންޓް ޖެނެރަލް، ކާނަލް ޙުސައިން ޢަލީއެވެ.
މި ރަސްމިއްޔާތަށް ފަހު، ރައީސް ވަނީ އެމްއެންޑީއެފްގެ އިސްމަޤާމުތަކުގެ ސިފައިންނާ ބައްދަލުކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، ޖެނެރަލް އޮފިސަރުންނާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.









