2025 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ ރައްޔިތުންގެ ޙައްޤުޤައި އެކުލަވާލާފައިވާ، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާއެއްގެ މައްޗަށް ބިނާކޮށްފައިވާ ބަޖެޓެއްކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް ޢަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ބަޖެޓު ބަހުސްގައި މިއަދު ވާހަކަފުޅު ދައްކަވަމުން މެންބަރު އާޒިމް ވިދާޅުވީ، މި ބަޖެޓަކީ ނިޒާމީ ގޮތުން އުފެދިފައިވާ ގިނަގުނަ މައްސަލަތައް ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ހިމެނޭ ބަޖެޓެއް ކަމަށެވެ.
"އަޅުގަނޑަށް މިއަދު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ 2025 އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު ވެގެންދަނީ އިކޮނޮމިކް ރީފޯމް އެޖެންޑާއެއްގެ މައްޗަށް ބިނާކޮށް، ސަރުކާރުގެ ވަޢުދުތަކާއި ސިޔާސަތުތައް ތަންފީޛްކުރަން ބޭނުންވާ ޖާގަ ލިބިފައިވާ ބަޖެޓަކަށް ވުން" މެންބަރު އާޒިމް ވިދާޅުވިއެވެ.
މެންބަރު އާޒިމް ފާހަގަކުރެއްވި ގޮތުގައި މި ބަޖެޓުން އެންމެ ފާހަގަކޮށްލެވެނީ ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން 6.6 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމެވެ. އަދި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ޤާއިމް ކުރުމާއި ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމާއި ޢުމްރާނީ ތަރައްޤީ ކަށަވަރުކުރުމަށް ގިނަ މަޝްރޫޢުތަކެއް ހިމެނިފައިވާކަން ވެސް މެންބަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މެންބަރު އާޒިމް ވިދާޅުވީ، ނިމުނު އެމްޑީޕީ ސަރުކާރުން ގިނަ ދުވަސްތަކެއް ވަންދެން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ މުހިންމު މާއްދާތައް ސަސްޕެންޑުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ފައިސާ ޗާޕުކޮށްގެން ދައުލަތް ހިންގުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
"އެމްޑީޕީ ސަރުކާރުން ކޮންޓްރެކްޓަރުންނަށް ނުދައްކާ އޮތް ފައިސާގެ ތެރެއިން 6.6 ބިލިއަން އަދުގެ ސަރުކާރުން ދައްކައި ޚަލާޞްކޮށްފައިވޭ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އާއެކު މިހާތަނަށް 1 ބިލިއަން ދޫކޮށްފައިވޭ" މެންބަރު އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައިވީނަމަވެސް ފައިސާ ޗާޕުކުރުމެއް ނެތި ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންގެ ޙައްޤުގައި އެކުލަވާލާފައިވާ ބަޖެޓެކެވެ. ކުރީގެ ސަރުކާރުތަކާއި ޚިލާފަށް މި ސަރުކާރުން ދަރަނި ނަގައިގެން ޑެފިސިޓް ފައިނޭންސް ކުރުން ހުއްޓުވާފައިވާ ކަމަށާއި، ފައިސާ ޗާޕުކޮށްގެން ދަރަނި ފަހަށް ޖެއްސުމަކީ ދައުލަތް ހިންގުމަށް އެންމެ ފަސޭހަ މަގު ކަމުގައިވީ ނަމަވެސް، އަދުގެ ސަރުކާރުން އިސްކަންދޭނީ ޤައުމުގެ އެންމެ މަތީ މަސްލަޙަތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ބައެއް މެންބަރުން މަޖިލީހުގައި ހަޤީޤަތާއި ޚިލާފު ވާހަކަ ދައްކަމުން ދާއިރު ކޮވިޑުގައި ހިލޭ އެހީގެ ގޮތުގައި ލިބުނު 4 ބިލިއަން ރުފިޔާއަށް ވީ ގޮތް ފެންނާކަށް ނެތް. މި ފައިސާ ވަނީ ފެންފޮދަކާއި ނުލައި ދިރުވާލާފައި، ގާތް މީހުންނަށް ބަދަލު ދިނުމުގެ ނަމުގައި ކޮމިޓީތައް ހަދައިގެން ދައުލަތުގެ ޚަޒާނާއިން އެއް ބިލިއަން ރުފިޔާ ކަހައި ހުސްކޮށްލީ އެ ސަރުކާރުން. ނަމަވެސް ވެރިކަމާއި ޙަވާލުވުމަށް ފަހު އެފަދަ ކޮމިޓީތައް އުވާލީ މި ސަރުކާރުން," މެންބަރު އާޒިމް ވިދާޅުވިއެވެ.
އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ގޭބަންދުގައި ތިބި ދުވަސްވަރު ވެންޓިލޭޓަރު ގަތުމުގެ ނަމުގައި ހިންގި ބޮޑު ޖަރީމާގެ މަތީން ރައްޔިތުން އަދިވެސް ހަނދާނެއް ނުނެތޭކަމަށް މެންބަރު އާޒިމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމުނު އިރު ދައުލަތް ބަނގުރޫޓުވެފައި އޮތް ކަމަށާއި، އެ ބުރަ އުފުލައި ދައުލަތުގެ ކުންފުނިތައް ސަލާމަތްކުރަން ޖެހުނީ މިހާރުގެ ސަރުކާރަށް ކަމަށް ވެސް މެންބަރު އާޒިމް ވިދާޅުވިއެވެ.
މި ބަޖެޓަކީ ރައްޔިތުންގެ ޙައްޤުގައި އެކުލަވާލާފައިވާ، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ބަޖެޓެއް ކަމަށްވުމާއެކު މި ބަޖެޓުން ސަރުކާރުގެ ވަޢުދުތަކާއި ސިޔާސަތުތައް ތަންފީޛުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މެންބަރު އާޒިމް ވިދާޅުވިއެވެ.









