މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އެއް މުއައްސަސާއަކަށް ހެދުމަށް ހުށަހަޅާފައިވާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު' އަނބުރާ ގެންދިއުމަށް އެ ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު ޢަބްދުﷲ ހަންނާން އަބޫބަކުރު ނިންމަވައިފިއެވެ.
ހަންނާން މި ބިލު އަނބުރާ ގެންދަން ނިންމެވީ އެއީ ސަރުކާރުގެ ސިޔާސަތާއި ދެކޮޅަށް އޮތް ބިލެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ. ހަންނާން މިއަދު ވަނީ ބިލު އަނބުރާ ގެންދިއުމަށް ހުށަހަޅުއްވާފައެވެ.
ބިލުގައި ހުރި ބައެއް ކަންކަމާމެދު ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އިސްނަގައިގެން "ހަތަރެއްގެ ޙައްޤުގައި" ނަމުގައި ކެމްޕެއިނެއް ވެސް ވަނީ ފަށާފައެވެ. އަދި ބިލުގައި ހުރި ކަންބޮޑުވުންތައް ބަންޑާރަ ނައިބާއި ޙިއްސާކޮށް، ބިލު ބޭރުކޮށްލުމަށް މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީއަށް ވެސް ގޮވާލާފައެވެ.
މިބިލުގައި ބުނެފައިވާ ގޮތުން، ކޮމިޝަނުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތަރު މެންބަރުންނާއި، މީޑިއާއިން އިންތިޚާބުކުރާ ތިން މެންބަރުން ތިބެން ޖެހެއެވެ.
ނަމަވެސް، ރައީސް މުއިއްޒު އަކީ ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުން ޤަބޫލުފުޅުކުރައްވާ ރައީސެއް ނޫނެވެ. އެމަނިކުފާނު ވިދާޅުވީ ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނުގެ ޒަމީރު ޤަބޫލުފުޅުކުރައްވާ ހަމައެއް ނޫންކަމަށާއި، އިސްލާމްދީނާއި ޤާނޫނު އަސާސީއާ ޚިލާފު ނުވާހާ ހިނދަކު، ކޮންމެ ދިވެއްސަކަށް ވެސް އަމިއްލަ މިނިވަންކަމާއެކު ބޭނުންކަމެއް ކުރުމުގެ ޙައްޤު އޮންނާނެއެވެ.









