ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަނަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނެސް އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ދަތުރުތައް ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އަންނަ ޖެނުއަރީގައި ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓު ގެނެސް އުދުހެން ފަށާނެ ކަމަށެވެ. މި އެއާކްރާފްޓްތަކުން އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ ކަމަށާއި، ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ޗައިނާ އާއި ޔޫރަޕްގެ މަންޒިލްތަކަށް މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓުގެ ދަތުރުތައް ފަށާނެ ކަމަށެވެ.
މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 13 ބޯޓު އޮތް އިރު އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ހަތަރު ބޯޓު ވެސް ހިމެނެއެވެ. މިހާރު މޯލްޑިވިއަން އިން ދަތުރުކުރަނީ ރާއްޖޭގެ 16 މަންޒިލަކާއި އިންޑިއާގެ ތިން ސަރަޙައްދަކާއި ލަންކާ އަދި ބަންގްލަދޭޝް އަށެވެ.









