ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުގެ އަމާޒަކީ ސެންޓްރަލް ޕްރިޒަންސް ކޮމްޕްލެކްސްއެއް ގާއިމު ކުރުން ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުއްޖެއެވެ. މިނިސްޓަރ އިހުސާން ފާހަގަކުރެއްވި ގޮތުގައި، ވަކިވަކި ރަށްތަކުގައި ޖަލުތައް ޤާއިމުކޮށްފައިވުމަކީ ޖަލުތައް ހިންގުމުގައި ޚަރަދު ބޮޑުވާންޖެހޭ އެންމެ ބޮޑު ސަބަބެވެ.
ރާއްޖޭގައި މިހާރު ޖަލުތައް ގާއިމު ކުރެވިފައި ވަނީ، ޖަލުތައް ހުންނަން ޖެހޭ އުސޫލާއި އެއްގޮތަކަށް ނޫންކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ރައީސް ޑރ މުއިއްޒުގެ އެންމެ ބޮޑު ސިޔާސަތަކީ ރާއްޖޭގައި ސެންޓްރަލް ޖަލެއް އެޅުންކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، ޖަލު ހިންގުމަކީ ވަރަށް ޚަރަދުބޮޑު ކަމެކެވެ. މިހާރު މަހެއްގެ މައްޗަށް ޤައިދީއެއްގެ ބޮލަކަށް 27،000 ރުފިޔާ ޚަރަދުވާ ކަމަށާއި މި މައްސަލަ ހައްލުކުރުމަށްޓަކައި ދިރާސާކުރުމަށްފަހު ސެންޓްރަލް ޖަލެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަލަށް ހަދާ ސެންޓްރަލް ޖަލު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ މާލެއާއި ކައިރިން މިހާރު ހިއްކަމުންދާ ސަރަޙައްދެއްގައި ކަމަށް އިހުސާން ހާމަކުރެއްވިއެވެ. އަދި މި ޖަލު 3 އަހަރު ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، މި ޖަލު ހެދުމާއެކު ޚަރަދު ކުޑަކުރެވޭނެ ކަމަށް ވެސް އިހުސާން ފާހަގަކުރެއްވިއެވެ.
އިހުސާން ވިދާޅުވީ، ސަރުކާރުގެ އުއްމީދަކީ ޖަލުތަކަށް ކުރެވޭ ޚަރަދު ކުޑަކޮށް ޖަލުތަކުން ނެރެވޭ ނަތީޖާ އިތުރުކުރުން ކަމަށެވެ. މި ސެންޓްރަލް ޖަލު ކޮމްޕްލެކްސް ގާއިމުކުރުމުން، ހުރިހާ ޤައިދީން އެއް ފުރާޅެއްގެ ދަށަށް ބަދަލުކޮށް، ޖަލު ހިންގުމުގެ ޚަރަދު ކުޑަކުރެވޭނެ ކަމަށް ސަރުކާރުން އުއްމީދުކުރާ ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.