މިނިސްޓްރީ އޮފް ޔޫތް، އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން މި އަހަރު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
އެމްޕީއެލްއިން މި ޕްރޮގްރާމްގެ ދަށުން ހަތް ދާއިރާއަކުން ފުރުޞަތު ހުޅުވާލާފައިވެއެވެ. މީގެ ތެރޭގައި ވެލްޑަރ އެޕްރެންޓިސްގެ ހަތަރު ފުރުޞަތާއި ކާރޕެންޓަރ އެޕްރެންޓިސްގެ ދެ ފުރުޞަތު ހިމެނެއެވެ. މި ދެ ކޯހުގައި ބައިވެރިވުމަށް ގްރޭޑް 8 ނިންމާފައިވުމާއި އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށް ވުން ޝަރުތު ކުރެއެވެ.
އިތުރު ކޯސްތަކުގެ ތެރޭގައި މެރިން މެކޭނިކް، މެޝިނިސްޓް، އިލެކްޓްރީޝަން، މެކޭނިކް (ވެހިކަލް ރިޕެއަރ)، އަދި އެއަރ ކޮންޑިޝަނިންގ އެންޑް ރެފްރިޖަރޭޝަން ހިމެނެއެވެ. މި ކޯސްތަކުގައި ބައިވެރިވުމަށް ޖީސީއީ އޯލެވެލް އިމްތިޙާނުން މަދުވެގެން ތިން މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ޝަރުތު ކުރެއެވެ.
މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ކޮންމެ މަހަކު 5,000 ރުފިޔާގެ އެލަވަންސެއް ދެވޭނެ ކަމަށާއި މި ޕްރޮގްރާމްގެ މުއްދަތަކީ ހަމަސްދުވަސް ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެގޮތުން. ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅަލެވިފައިވާ ކަމަށް އެޕީއެލްއިން ފާހަގަކުރިއެވެ.
މި އެޕެރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުންނަށް ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ވުމާއެކު، މި ޕްރޮގްރާމްގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ މައިދާނަށް ނުކުތުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެޕީއެލްއިން ފާހަގަކުރިއެވެ.









