ރައީސް މުޢިއްޒުގެ ދަފްތަރު ލިސްޓު ދިރުވާލައިފައިވަނީ ކުރީގެ ސަރުކާރުން ކަމަށް ހުޅުމާލޭ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމް ވިދާޅުވެއްޖެއެވެ.
ޝަޒީމް މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ޖަލްސާގައި ބަޖެޓާއި ބެހޭ ގޮތުން ބަހުސް ކުރައްވަމުންނެވެ.
ޝަޒީމް ވިދާޅުވީ މިހާރު ރާއްޖެ އޮތީ ޓްރާންސްފޯމޭޓިވް ބަދަލެއްގެ މަގުމަތީގައި ކަމަށާއި، ރައްޔިތުންނަށް ޙިދުމަތްކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފުރިހަމަ ބަޖެޓެއް ވެސް ހަމަޖައްސަވާފައިވާ ކަމަށެވެ.
ޝަޒީމް ވިދާޅުވެފައިވަނީ އެހެން އެއްވެސް ސަރުކާރަކުން ބޯޔިހާވަހިކަމަށް މަސައްކަތް ކޮށްފައި ނުވާވަރަށް ރައީސް މުޢިއްްޒު ކޮށްފައިވާކަން ބަޖެޓަށް ބަލައިލުމުން ވެސް ހާމަވެގެންދާ ކަމަށެވެ. މި ބަޖެޓުގެ ސަބަބުން ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުވެ ރައްޔިތުންނަށް ހިތްހަމަ ޖެހިލައިގެން އުޅެވޭނެ ފަހި ދިރިއުޅުމެއް ފެނިގެންދާނެ ކަމަށް ޝަޒީމް ވިދާޅުވިއެވެ.
ޝަޒީމް ވިދާޅުވީ ހައުސިންގ މަޝްރޫޢުތަކަށް 1.5 ބިލިއަން ރުފިޔާ އަދި ރައްޔިތުން ގެދޮރުވެރިކުރުމަށް 2 ބިލިއަނާއި 4 ބިލިއަނާއި ދެމެދުގެ ޢަދަދަކަށް ލޯނު ވެސް ލިބޭނެ ކަމަށް މި ބަޖެޓުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި މި ބަޖެޓުން ހުޅުމާލެ ދާއިރާ އަށް ބޯހިޔާވަހިކަން ލިބޭނެ ކަމާ މެދު ޝައްކުނުކުރައްވާ ކަމަށް ވެސް ޝަޒީމް ވިދާޅުވިއެވެ.
ޝަޒީމް ވިދާޅުވީ އިތުރު އުފާވެރިކަމަކީ ބަޖެޓުގައި ހުޅުމާލެއަށް އިތުރު ތަރައްޤީތައް އައުމަށް ތަނަވަސްވުން ކަމަށެވެ. އެގޮތުން ޓާޝަރީ ބޮޑު ހޮސްޕިޓަލަކާއެކު، އިތުުރު ސުކޫލުތަކެއް ވެސް އަންނަން އޮތް ކަމުގެ ޔަޤީންކަން މި ބަޖެޓުގެ ސަބަބުން ލިބިފައިވާކަމަށް ޝަޒީމް ވިދާޅުވިއެވެ.
ޝަޒީމް އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒަކީ ރައްޔިތުންނާއި ދޭތެރޭގައި ހިތް ހެޔޮ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނު ހައުސިންގ މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވިއިިރު ވެސް ބިޔަ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް ގެންދެވިކަން ޝަޒީމް ފާހަގަކުރެއްވިއެވެ. އަދި ބޯހިޔާވަހިކަން ލިބޭ ޙައްޤު ފަރާތްތައް ވެސް ކަނޑައަޅައި ނިންމެވި ކަމަށް ވެސް ޝަޒީމް ފާހަގަކުރެއްވިއެވެ.
ޝަޒީމް ވިދާޅުވީ އެމަނިކުފާނު ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ހުންނެވިއިރު އަލަށް ދަފްތަރު ކެޓަގަރީއެއް އެކުލަވާލައި ބޯހިޔާވަހިކަން ދޭން ނިންމަައި، ދަފްތަރު ރައްޔިތުންނަށް އެ ޔަޤީންކަން ކަށަވަރުކޮށްދެއްވި ކަމަށެވެ.
މީގެ އިތުރުން ޝަޒީމް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ވަނީ ރާއްޖޭގެ ރައްޔިޔުންނަށް އިހާނެތިވެ ހުރިހާ ކަމެއް އޮޅުވާލާފައި ކަމަށެވެ. އަދި ރާއްޖެ ފުން އަނދަވަޅެއް ތެރެއިން ސަލާމަތްކޮށްފައިވަނީ ރައީސް މުޢިއްޒުގެ މަސައްކަތްޕުޅުންކަން ޝަޒީމް ފާހަގަކުރެއްވިއެވެ.









