ކުށްކުރާ ކުޑަކުދިން އިސްލާހުކޮށް މުޖުތަމަޢުއަށް އަނބުރާ ގެނައުމަށް ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ "ހޯޕް އައިލެންޑް" ގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު، އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 1 އަހަރު ފުރުމާއި ގުޅިގެން ދެއްވި އިންޓަވިއުއެއްގައި ވަޒީރު އިހުސާން ވިދާޅުވީ، ހޯޕް އައިލެންޑަކީ ކުށުގެ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ގެންނާނެ ޕްރޮޖެކްޓެއް ކަމަށެވެ. މި ޕްރޮޖެކްޓަށް ދ. ވާނީ ހަމަޖައްސައި، ޑިޒައިންގެ މަސައްކަތް ވެސް ނިންމާފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
"މިއީ ދިވެހިން އެދޭ ވަރުގަދަ ހުވަފެނެއް. ދިވެހިންގެ ވަރަށް ބައިވަރު މީހުންގެ އުންމީދުތަކެއް 'ހޯޕް' އާ ގުޅިފައި އޮތް ޕްރޮޖެކްޓެއް. އެހެންވީމާ އެ ޑެލިވަރ ކުރާނަން އަޅުގަނޑުމެން," ވަޒީރު އިހުސާން ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުތަކުން މިފަދަ މުހިންމު މަޝްރޫޢެއް ފަށައިގަތުމަށް އިސްނަގާފައި ނުވާއިރު، މި ސަރުކާރުން މި ޕްރޮޖެކްޓަށް ދޭ އިސްކަން ފާހަގަކޮށްލެވެއެވެ. ހޯޕް އައިލެންޑްގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ ކަމަށާއި، ދީނީ، ތަޢުލީމީ އަދި މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރޭވިފައެވެ.
މި މަޝްރޫޢަކީ ކުށްކުރާ ކުޑަކުދިންނަށް އައު ފުރުސަތުތަކެއް ހޯދައިދީ، އެކުދިން މުޖުތަމަޢުއަށް އަނބުރާ ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.









