އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އުތުރު އިސްރާއީލުގައި ހުންނަ ގެއަށް ފްލޭޝް ބޮމެއް ބޭނުންކޮށްގެން ހަމަލާދިން މައްސަލައިގައި 3 މީހުން އިއްޔެ އިސްރާއީލު ފުލުހުން ހައްޔަރުކޮށްފިއެވެ.
ހޮނިހިރު ދުވަހު ނެތަންޔާހޫގެ ސީޒޭރިއާގައި ހުންނަ ގޭގެ ގޯތިތެރެއަށް ދެ ފްލޭޝް ބޮމް ވެއްޓުނެވެ. މި ހާދިސާ ހިނގިއިރު ނެތަންޔާހޫ އާއި އޭނާގެ އާއިލާ ގޭގައި ނެތެވެ. އަދި އެއްވެސް ގެއްލުމެއް ލިބުނު ކަމަކަށް އިސްރާއީލް މީޑިއާއިން ރިޕޯޓުކޮށްފައެއް ނުވެއެވެ.
އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރުން ބުނެފައިވާ ގޮތުގައި މި ހާދިސާއާ ގުޅިގެން 3 މީހުން ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އެ މީހުންގެ އައިޑެންޓިޓީއާ ބެހޭ އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
އިސްރާއީލް މަސްދަރުތަކުން ބުނެފައިވާ ގޮތުގައި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން އެކަކީ ސީނިއަރ ރިޒާވް އޮފިސަރެއް ކަމަށްވާ ބްރިގޭޑިއަރ ޖެނެރަލެކެވެ. އޭނާއަކީ ފާއިތުވި ދެ އަހަރު ތެރޭގައި ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ކުރެވުނު އިހުތިޖާޖުތަކުގައި ހަރަކާތްތެރިވެފައިވާ މީހެކެވެ.
ހޮނިހިރު ދުވަހުގެ މި ހާދިސާ ހިނގީ، އޮކްޓޯބަރު 19 ވަނަ ދުވަހު ލުބުނާނުން ޑްރޯނަކުން ހަމަ މި ގެއަށް ހަމަލާދިންތާ ގާތްގަނޑަކަށް އެއް މަސްދުވަސް ފަހުންނެވެ. އެ ހަމަލާ ދިން ވަގުތު ވެސް ނަތަންޔާހޫ އާއި އޭނާގެ އާއިލާ ގޭގައި ނެތެވެ.
މި ހާދިސާ ހިނގާފައިވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ޙަމަލާތަކާ ގުޅިގެން ސަރަޙައްދުގެ ހަލަބޮލިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މިހާތަނަށް ޣައްޒާގައި 43،800 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވައިރު އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.









