ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 5000 ބިދޭސީން ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ޑީޕޯޓުކޮށްފައިވާކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަހީދު ހާމަކުރައްވައިފިއެވެ.
މިއަދު އިމިގްރޭޝަން ކޮންޓުރޯލަރު ކުރެއްވި އެކްސްގައި ވިދާޅުވީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިއަދާއި ހަމައަށް، އެއް އަހަރުގެ މުއްދަތުގައި 5000 ބިދޭސީން ޑީޕޯޓުކުރުމުގެ ލަނޑުދަނޑި ޙާޞިލުކުރެވިފައިވާ ކަމަށެވެ. އަދި މިއީ އިމިގްރޭޝަންގެ ތާރީޚުގައިވެސް ރެކޯޑު އަދަދެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ކާމިޔާބީ ހޯދުމުގައި އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް، ޚާއްޞަކޮށް ފުލުހުންނާއި ހޯމް މިނިސްޓްރީއަށް ޝަމްއާން ޝުކުރު އަދާކުރެއްވިއެވެ.
ރާއްޖޭގައި ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، އިމިގްރޭޝަނުން މިހާރު ދަނީ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގަމުންނެވެ. މި މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މީގެއިތުރުން، ޤަވާޢިދާއި ޚިލާފަށް ކުރާ ބިދޭސީ ވިޔަފާރިތައް ހުއްޓުވުމަށްވެސް އިމިގްރޭޝަނުން މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މިގޮތުން، ޤަވާޢިދާއި ޚިލާފަށް ވިޔަފާރިކުރާ ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް އަތުލައިގަނެފައިވާކަން ފާހަގަކުރެވެއެވެ.









