ޔަމަނުގެ ހޫޘީ ޖަމާއަތުން މެދުތެރޭ އިސްރާއީލުގެ ޖާފާގައި ހުރި އަސްކަރީ އަމާޒަކަށް އާ "ހައިޕަރސޮނިކް" ބެލިސްޓިކް މިސައިލަކުން ހަމަލާދީފިއެވެ.
ހޫޘީގެ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސާރީ ވިދާޅުވީ މިސައިލް 2،040 ކިލޯމީޓަރު (1،260 މޭލު) ދުރަށް ދަތުރުކޮށް ކާމިޔާބުކަމާއެކު އަމާޒުގައި ޖެހިފައިވާއިރު، އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކުން އެ މިސައިލް ހުއްޓުވޭ ގޮތެއް ނުވި ކަމަށެވެ.
"ޖިއޮގްރަފިކަލް ހުރަސްތަކާއި، އެމެރިކާއާއި އިނގިރޭސިވިލާތުގެ އަނިޔާވެރިކަމާއި، ޖާސޫސީ އަދި އިންޓަސެޕްޝަން ސިސްޓަމްތަކުގެ ސަބަބުން ޔަމަނަށް ފަލަސްތީނަށް ތާއީދު ކުރުމަށް ހުރަހެއް ނާޅާނެ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ހޫޘީންގެ ޙަމަލާއާއިގުޅޭ ގޮތުން އިސްރާއީލުން ބަހެއް ނުބުނި ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުގެ ވައިގެ ސިފައިން ވަނީ މިސައިލް ހުއްޓުމެއް ނެތި މިހާ ދުރަށް ދަތުރު ކުރި ގޮތް ތަހުގީގު ކުރާނެ ކަމަށެވެ.
މި ހަމަލާ ދީފައިވަނީ ޓެލްއަވީވްގެ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓް ކައިރިއަށް ޔަމަނުން ފޮނުވާލި ބެލިސްޓިކް މިސައިލެއް އަމާޒުވެ މަދުވެގެން ނުވަ މީހަކަށް އަނިޔާވިތާ ގަޑިއެއްހާއިރު ފަހުންނެވެ.
ޔަމަނުގެ ހޫޘީ ޖަމާއަތުން އަންނަނީ އިސްރާއީލުގެ މިލްކުވެރިކަމުގައިވާ، ނުވަތަ ދިދަ ޖަހާފައިވާ، އަދި އިސްރާއީލާއި ގުޅުންހުރި އާގުބޯޓުތަކަށްވެސް ހަމަލާ ދެމުންނެވެ.
އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނުގެ އެތެރޭގައި ހުރި ހޫޘީ ތަންތަނަށް ބަދަލު ހިފުމުގެ ގޮތުން ވައިގެ ހަމަލާތައް ދިނުމާއެކު، އެމެރިކާއާއި އިނގިރޭސިވިލާތުގެ ހުރިހާ ބޯޓުތަކަކީ އަސްކަރީ އަމާޒުތަކެއްގެ ގޮތުގައި ދެކޭ ކަމަށް ހޫޘީން ވަނީ އިއުލާން ކޮށްފައެވެ..









