އިންޑިއާގެ ލަކްނޯގައި ހުންނަ މަހާރާނީ ލަކްސްމީ ބައި މެޑިކަލް ކޮލެޖުގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެ ހޮސްޕިޓަލުގެ އެންއައިސީޔޫގައި ތިބި ތުއްތުކުދީންގެ އާއިލާތައް ހޯދުމަށް ޑީއެންއޭ ނަގަން ފަށައިފިއެވެ. މި ހާދިސާގައި 10 ކުދިން މަރުވެފައިވާއިރު، 16 ކުއްޖަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް އޮފިޝަލުންނާއި ޙަވާލާދީ ޚަބަރުތައް ބުނެއެވެ
ހާދިސާ ހިނގި ވަގުތު އެންއައިސީޔޫގައި ތިބި 54 ކުދީންގެ ތެރެއިން 44 ކުދިން ސަލާމަތްވި ނަމަވެސް، އެ ކުދީންގެ މައުލޫމާތު ގެއްލިފައިވާތީ، އާއިލާތައް ދެނެގަތުމަށް ޑީއެންއޭ ހެދުމަށް ނިންމާފައިވެއެވެ. މިހާތަނަށް 10 ކުއްޖެއްގެ ޑީއެންއޭ ދިމާވެ، އެ ކުދީންގެ އާއިލާ ދެނެގަނެވިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އަލިފާނުގެ ހާދިސާ ހިނގި ވަގުތު، ހޮސްޕިޓަލުގައި ތިބި ކުދީންނާއި އެ ކުދީންގެ ބެލެނިވެރިން ބައްދަލުކުރުން މަނާކޮށް، ކުދިން އެކަހެރިކޮށްފައިވާތީ، އާއިލާތަކުން ނުރުހުން ފާޅުކުރަމުންދާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
މި ހާދިސާ ހިނގުމަށް މެދުވެރިވެފައިވަނީ އެންއައިސީޔޫގައި ހުރި އޮކްސިޖަން ކޮންސެންޓްރޭޓަރު ޝޯޓްސާކިޓްވެ، އޭގައި ހުޅު ހިފުމުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ. ހާދިސާ ހިނގުމާއެކު، ހޮސްޕިޓަލުގެ މުވައްޒަފުން ކުރި މަސައްކަތުން ގިނަ ކުދިން ރައްކާތެރި ހިސާބަށް ގެންދެވުނު ނަމަވެސް، 10 ކުއްޖަކު ސަލާމަތްވާ ގޮތެއް ނުވިއެވެ.









