އައު ޓްރެންޑްތައް ބޭނުންކޮށްގެން ރާއްޖޭގެ ފަތުރުވެރިކަން މިހާރަށްވުރެ ބޮޑަށް ދުނިޔޭގެ ސަމާލު ކަމަށް ގެނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
"ޚުލާސާ"ގެ ފަސް ސުވާލު ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި މިނިސްޓަރ ފައިސަލް ވިދާޅުވީ ސަރުކާރުން ފަތުރުވެރިކަމުގެ އައު ޓްރެންޑުތަކާއެކު ކުރިޔަށް އޮތީ ފަތުރުވެރިކަމުގެ ދާއިރާއަށް އުޖާލާ ދުވަސްތަކެއް ކަމަށެވެ. މީގެކުރިން އިންޑިއާ މާކެޓް ދަށްވިކަމުގައި ވިޔަސް މިހާރު އެ މާކެޓްވެސް ރައީސް ޑރ. މުޢިއްޒުގެ އިންޑިއާ ދަތުރުފުޅަށްފަހު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ކަމަށާއި، އިންޑިއާއަކީ އެންމެ ބާރަށް އިޤްތިޞާދު ކުރިއަރަމުން އަންނަ ޤައުމު ކަމަށްވާއިރު އެކަމުގެ ފައިދާ ފެންނަން ފަށާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްފުށުގެ ދިރިއުޅުމާއި ޘަޤާފީ އާދަކާދައަށް އިންވެސްޓުކޮށް ރާއްޖެ އަންނަ ފަތުރުވެރިންނަށް އެކަން ތަޖުރިބާކޮށްލުމަށް ފުރުޞަތު ދިނުމުގެ ސަބަބުން ފަތުރުވެރިކަން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުރިއަރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގެ ޒުވާނުންނަށް މީގެ 15 އަހަރުފަހުން ރިސޯޓް އޯނަރުންނަށް ހެދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި، ރަށްފުށުގެ ފަތުރުވެރިކަން ބައިބަޔަށް ބަހާލައިގެން ހިންގޭނެ ގޮތްތައްވެސް މިނިސްޓަރ ވިދާޅުވިއެވެ. އޭގެތެރޭގައި އެކަކު ގެސްޓުހައުސް ހިންގާނަމަ އޭނާއަށް ކުރެވޭނީ ހަމައެކަނި ރޫމްތައް ކުއްޔަށް ދިނުމުގެ މަސައްކަތް ކަމަށާއި ކަމަށާއި ދެން އެތަނަށް އަންނަ ޓޫރިސްޓުންނަށް ބޭނުންވާ އެހެނިހެން ކަންތައްތައް ކުރާނީ އެހެން މީހުންގެ ވިޔަފާރިތަކުގެ ތެރެއިން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރެސްޓޯރެންޓު އެހެން މީހަކަށް ހިންގޭނެ ފުރުޞަތު ދިނުމާއި، ލޯންޑްރީ ވަކި މީހަކަށް ދިނުމާއި، ކޮފީޝޮޕް ވަކި މީހަކަށް ދިނުމާއި ޑައިވިން ވަކި މީހަކަށް ދިނުން ފަދަ ކޮންސެޕްޓްތައް ވިދާޅުވިއެވެ.
މީގެ އިތުރުން، ދުބާއީގައިވާ އެކުއޭރިއަމް އަށް މިސާލު ޖައްސަވައި ދުނިޔޭގެ އެންމެ ބޮޑު އެކުއޭރިއަމް ރާއްޖޭގައި ޤާއިމުނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ. އެކަހަލަ ޚާއްޞަ ޓޫރިސްޓު އެޓްރެކްޝަންތައް ހަދައި އެތަން ތަނަށް ފަތުރުވެރިންނަށް ޒިޔާރަތް ކުރެވޭނެ ގޮތް ހަދައިފި ނަމަ ފަތުރުވެރިކަން ކުރިއަރައިދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއަކީ ވަށައިގެން މޫދު ހިމެނޭ ޤައުމެއްކަމުން ބޮޑެތި ޔޮޓް ރޭސްތަކާއި އެކި ކަހަލަ ތަފާތު ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްގެން ފަތުރުވެރިންގެ ހިތްތަށް އަތުލައިގަންނަ ފަދަ ތަނަކަށް ރާއްޖެ ހެދޭނެ ކަމަށާއި، ފުވައްމުލައް ސިޓީގައި އޮންނަ ޓައިގާ ޝާކް ޕޮއިންޓުގައި ދުނިޔޭގެ މަޝްހޫރު ފަންނާނުން ބޭނުންކޮށްގެން އިވެންޓުތަކެއް ބާއްވަން ފަށައިފިއްޔާ ފަތުރުވެރިކަން އިތުރަށް ކުރިއަރައިދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން މަތީ ފަންތިއަކަށް ފަތުރުވެރިކަން ގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ފައިސަލް ދެއްވިއެވެ.






