ޣައްޒާގެ 21000 ބަލިމީހުންގެ ތެރެއިން އިތުރަށް ފަރުވާ ދިނުމަށް އިސްރާއީލުން އދ އަށް ފުރުސަތު ދިނީ އެންމެ ތިންބައިކުޅަ އެއްބައި މީހުންނަށް ކަމަށް ޔޫއެންގެ ސްޕޯކްސްމަން ސްޓެފާން ދުޖާރިކް އިއްޔެ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި ބުދަ ދުވަހު ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާއި އޭގެ ބައިވެރިންގެ އެހީގައި ޣައްޒާއިން 8 ކުޑަކުދިންނާއި އެކުދިންގެ 6 ބެލެނިވެރިން ޖޯޑަނަށް ފޮނުވާލެވުނެވެ. އެކުދިންނަކީ އިސްރާއީލުން ޓާގެޓް ކޮށް ޙަމަލާދީފައިވާ ކުދިން ކަމަށާއި ޚާއްޞަ ފަރުވާ ހޯދުމަށް އެމެރިކާއަށް އެކުދިން ފޮނުވާނެއެވެ. ގިނަ މީހުންނަށް ފަރުވާ ނުދެވެނީ އިސްރާއީލުން ފުރުސަތުނނުދީގެން ކަމަށާއި، ރައްކާތެރިކަމާއެކު ބަލިމީހުން ގެންދެވޭނެ ގޮތަށް މަގުތައް ހުޅުވައިދިނުމަށްވެސް އޭނާ އިސްރާއީލަށް ގޮވައިލެއްވިއެވެ.
"އަޅުގަނޑުމެން އަނެއްކާވެސް ގޮވާލަނީ ބްލިމިހުން ގެންދިޔުމަށް ޚާއްޞަ މަގުތަކެއް ޤާއިމުކުރުމަށާއި، ޚާއްޞަ ފަރުވާ ބޭނުންވާ ހުރިހާ ބަލިމީހުން ރައްކާތެރިކަމާއެކު އަވަހަށް ނެރުމަށް ހުރިހާ މަގުތަކެއް ބޭނުންކުރުމަށް،" އޭނާ އިތުރަށް ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށްފަހު، އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި ހަމަލާތަކެއްދީ ބައިލައްކައަށްވުރެ ގިނަ މީހުން ޝަހީދުކޮށްފައި ކަމަށް ފަލަސްޠީނުން ބުނެއެވެ. ޣައްޒާގެ ގިނަ ސަރަހައްދުތައް ވަނީ ދިރިއުޅެން ނުކުޅެދޭ ޙާލަތަކަށް ގޮސްފައެވެ.









