އައިޑީކާޑާއި ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް އަތޮޅުތަކުންވެސް ލިބޭގޮތް ހަމަޖެއްސުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ދިނުމުގެ މަގުޗާޓު އާންމުކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ނަރީޝް ވިދާޅުވީ މާލެ ސިޓީ، ވިލިމާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ ޚިދުމަތާއި ދިވެހި ޕާސްޕޯޓު ހެދުމުގެ ޚިދުމަތް ރައްޔިތުންނާއި ގާތުން ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، މިއަދު އެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވިކަމަށްޓަކައި މާލެ ސިޓީ ކައުންސިލާއި ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކުރައްވާ ކަމަށެވެ.
"އަދި ރައްޔިތުންނާއި ގާތުން ޚިދުމަތް ދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށް މަރުޙަބާ ދަންނަވަން! މިއީ ލާމަރުކަޒީ ނިޒާމު މި ޤައުމުގައި ފައްކާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން ޢަމަލީ ގޮތުން ފެނިގެންދާ އަލިގަދަ ދަލީލެއް!" ނަރީޝް ވިދާޅުވިއެވެ.
މާލެ ފިޔަވައި މިހާރު ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ތަންތަނުގެ ތެރޭގައި ހިމެނެނީ ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 ގެ އިތުރުން ވިލިމާލެ އާއި ލ. ފޮނަދޫ އަދި ދ. ކުޑަހުވަދޫ އެވެ. އައިޑީކާޑުގެ ޚިދުމަތް ފަށާފައިވަނީ ހުޅުމާލޭގެ ފޭސް 1 އާއި 2 ގެ އިތުރުން ވިލިމާލެ އާއި ހދ. ކުޅުދުއްފުށީގައެވެ.
ހޯމް މިނިސްޓަރު ޢަލީ އިޙްސާން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، އަންނަ އަހަރު އިތުރު ރަށްރަށުން މި ޚިދުމަތް ލިބޭނެއެވެ.









