ޙިޒްބުاللهގެ ހަނގުރާމަވެރިންނަށް ޙަމަލާ ދިނުމަށް ކަމަށް ބުނެ ފަހަކަށް އައިސް އިސްރާއީލުން ލުބުނާނުގައި ހިންގަނީ ޖަރީމާތައް ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އެގޮތުން ބާލްބެކް ސިޓީ ކައިރީގައިވާ ދޫރިސްގައި ސިވިލް ޑިފެންސް އޭޖެންސީގެ އިމާރާތެއް ވެސް ވަނީ ފުނޑުފުނޑުކޮށްލާފައެވެ. މި އޭޖެންސީއަކީ ލުބުނާނުގެ ސަރުކާރާއި ގުޅިފައިވާ ތަނެކެވެ. ޙިޒްބުالله އާއި އެއްވެސް ގުޅުމެއް އެ ޢިމާރާތަކާއި ނޯންނަކަން އިސްރާއީލަށް ވެސް އެނގެއެވެ. އެތަނަށް ބުރާސްފަތި ދުވަހު ދިން ޙަމަލާގައި ގިނަ ބަޔަކު ޝަހީދުވިއިރު އެމީހުންގެ ތެރޭގައި އެ ސިޓީގެ ސިވިލް ޑިފެންސްގެ އިސްވެރިޔާ ބިލާލް ރާދު ހިމެނޭ ކަމަށް އެސަރަހައްދުގެ ގަވަރނަރ ބަޝީރ ކޯދަރ އާއި ޙަވާލާދީ މަސްދަރުތައް ބުނެއެވެ. އިސްރާއީލުން ދިން މިފަދަ ޙަމަލާތަކުގައި ބުރާސްފަތި ދުވަހު އެކަނި 15 ރެސްކިއު މީހުން ޝަހީދުވިއެވެ.
އިސްރާއީލުގެ މިލިޓަރީން މި ހަމަލާއާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް މިހާތަނަކަށް ނުބުނެއެވެ. މި ޙަމަލާގައި ޝަހީދުވި މީހުންނަކީ އަލިފާން ނިއްވުމުގެ މަސައްކަތުގައިވެސް އުޅޭ މީހުންނެވެ.
ދެކުނުގެ ނަބަތިއްޔާ ސަރަހައްދުގައި ހުރި އަރަބް ސަލީމް އަވަށުގެ ސިވިލް ޑިފެންސް ސެންޓަރަށްބެސް ބުރާސްފަތި ދުވަހު އިސްރާއީލުން ވަނީ ވައިގެ ޙަމަލާތަކެއްދީ 6 މީހުން ޝަހީދުކޮށްފައެވެ. މީގެ ތެރޭގައި 5 ޕެރަމެޑިކުން ހިމެނޭ ކަމަށް ލުބުނާނުގެ ނޫސްތަކުން ބުނެއެވެ. ހެލްތު މިނިސްޓްރީގެ މަޢުލޫމާތުން ދައްކާ ގޮތުގައި ސެޕްޓެމްބަރުގައި ޙިޒްބުالله އާއެކު ހިނގަމުންދާ ހަނގުރާމަ ފުޅާވުމާއި ގުޅިގެން އިސްރާއީލުން ދޭ އެއަރ ސްޓްރައިކްތަކުގައި މަދުވެގެން 192 އިމަޖެންސީ އަދި ހެލްތު މަސައްކަތްތެރިން ވަނީ ޝަހީދުވެފައެވެ.. މީގެ ތެރޭގައި ބެއިރޫތުގެ ދެކުނު ފަރާތުގެ ބައެއް ސަރަހައްދުތަކަށް ދިން ޙަމަލާތަކުގައި ޝަހީދުވި ރެސްކިއު މީހުންވެސް ހިމެނެއެވެ.
އިސްރާއީލު ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބުނާ ގޮތުގައި އެމީހުން އަބަދުވެސް ހަމަލާ ދެނީ ޙިޒްބުاللهއާއި ގުޅުންހުރި އިންފްރާސްޓްރަކްޗަރ ތަކަށް އަމާޒުކޮށެވެ. މި ސަރަހައްދުތަކަށް އިއްޔެ ވެސް ހަމަލާ ދިންއިރު މިއީ ވިދިވިދިގެން ޙަމަލާދިން ހަތަރުވަނަ ދުވަހެވެ. މިއީ އައިޑީއެފްއިން އެ ސަރަހައްދުތައް ހުސްކުރުމަށް އަމުރު ނެރުމަށްފަހު ދިން ހަމަލާތަކެވެ.
ހަނގުރާމ ނުރައްކާވެފައިވާއިރު އެމެރިކާގެ އޮފިޝަލުން ވަނީ ހަނގުރާމަ ހުއްޓުވުމަށް އެއްބަސްވުމެއްގެ ފުރަތަމަ ރަސްމީ ހުށަހެޅުން ލުބުނާނުގެ އިސްވެރިންނާއި ޙިއްސާކޮށްފައެވެ. މި ހުށަހެޅުމުގައި 2006 ވަނަ އަހަރު ޙިޒްބުاللهއާއި އިސްރާއީލާއި ދެމެދު ހިނގި ހަނގުރާމަ ނިންމުމަށް ފާސްކުރި ޔޫއެން ރިޒޮލިއުޝަން 1701 ގެ މައްޗަށް ބިނާކޮށް ކަންކަން ހިމަނާފައިވާ ކަމަށް ބެލެވެއެވެ. މި ރިޒޮލިއުޝަންގައި ހިމެނެނީ ބްލޫ ލައިން (ލުބުނާނާއި އިސްރާއީލާއި ދެމެދުގެ ނުރަސްމީ ސަރަހައްދީ ރޮނގު) އާއި ލިޓާނީ ކޯރާ ދެމެދުގެ ސަރަހައްދުން ޙިޒްބުاللهގެ ހަނގުރާމަވެރިންނާއި ހަތިޔާރު ނެގުމެވެ. މި ސަރަހައްދަކީ އިސްރާއީލުގެ ބޯޑަރުން ގާތްގަނޑަކަށް 30 ކިލޯމީޓަރު (20 މޭލު) ދުރުގައިވާ ސަރަހައްދެކެވެ.
އެއްބަސްވުމެއް ވެވިއްޖެނަމަ އޭގައި ލުބުނާނު ސިފައިންގެ ބާރުތައް އެ ސަރަހައްދުގައި ގާއިމުކުރުމާއި އެއްބަސްވުން ތަންފީޒުކުރާ ގޮތް ބެލުމުގެ ނިޒާމެއް ހިމެނިދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މިކަމުގެ ތަފްސީލުތައް އަދި ސާފެއް ނޫނެވެ.
އެހެންނަމަވެސް، އިސްރާއީލުން ބޭނުންވަނީ ޙިޒްބުاللهއަށް ޙަމަލާ ނުދިނަސް، އެއްބަސްވުމާއި ޚިލާފުވާ ހާލަތެއްގައި ލުބުނާނަށް ޙަމަލާ ދިނުމަށެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވުމުގެ ހައްޤު ލިބިދިނުމަށެވެ. ޙިޒްބުالله ނުވަތަ ލުބުނާނުގެ ސަރުކާރުން މިފަދަ ޑިމާންޑެއް ގަބޫލުކުރާނެ ކަމުގެ އެއްވެސް ނިޝާނެއް މިހާތަނަށް އެއްވެސް ރިޕޯޓަކުން ނުފެނެއެވެ.
ދެ މަސްދުވަހުގެ ގަދަފަދަ ވައިގެ ޙަމަލާތަކުގެ ސަބަބުން ޙިޒްބުاللهގެ ގިނަ އިންފްރާސްޓްރަކްޗަރ ހަލާކުވެ، ގިނަ އަދަދެއްގެ ލީޑަރުން ޝަހީދުވެފައި ވިޔަސް، އެނަލިސްޓުން ބުނާ ގޮތުގައި ފުރަތަމަ ލިބުނު ޝޮކުން ޙިޒްބުالله އަރައިގަަރައިގަތުމަށްފަހު އަލުން ވަނީ އެއްތަންވެފްއެވެ.. އަދި އިސްރާއީލުގެ އުތުރަށް ކޮންމެ ދުވަހަކު ޙިޒްބުاللهއިން ދަނީ ހަމަލާ ދެމުންނެވެ.
އީރާނުގެ ސުޕްރީމް ލީޑަރުގެ ސީނިއަރ އެޑްވައިޒަރ އަލީ ލަރިޖާނީގެ ބެއިރޫތަށް ކުރި ޒިޔާރަތެއްގައި ލުބުނާނުގެ ބޮޑުވަޒީރު ނަޖީބް މިކާތީ ވިދާޅުވީ ލުބުނާނު ސަރުކާރުގެ އެންމެ އިސްކަމަކީ ހަނގުރާމަ ހުއްޓުވުމާއި ރިޒޮލިއުޝަން 1701 "އޭގެ އަސްލު ގޮތުގައި، އެއްވެސް އުނިއިތުރެއް ނުވަތަ ރިޒޮލިއުޝަންގެ މަފްހޫމާއި މާއްދާތަކާ ތަފާތު މާނަކުރުމެއް ނެތި" ތަންފީޒުކުރުން ކަމަށެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ "އެއްބަސްވުމަކަށް" ވާސިލުވުމަށް މަސައްކަތްކުރުން ކުރިއަށްދާ ކަމަށެވެ. އިސްރާއީލުން ބޭނުންވަނީ ޙިޒްބުاللهއަށް ޙަމަލާ ނުދިނަސް އެއްބަސްވުމާއި ޚިލާފުވާ ޙާލަތުގައި ލުބުނާނު ސަރަޙައްދަށް ޙަމަލާ ދިނުމަށް ކަމަށްވާތީ، މިކަމުގައި މިހާތަނަށް ކުރަމުންދާ މަސައްކަތުގައި ގޮތެއް ނިމިފައެއް ނުވެއެވެ.









