ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ޔުވެންޓަސްއާ ވަކިވެއްޖެއެވެ. އިއްޔެ ޖުވެންޓަސްއިން އިއުލާނުކުރި ގޮތުގައި ދެފަރާތުގެ އެއްބަސްވުމާއެކު ޕޮގްބާގެ ކޮންޓްރެކްޓް ބާޠިލުކުރުމަށް ނިންމާފައިވެއެވެ.
ޕޮގްބާއަށް ޑޯޕިންގ ޓެސްޓުން ފެއިލްވުމާ ގުޅިގެން ދީފައިވާ 4 އަހަރުގެ ބަންދު 18 މަސްދުވަހަށް ކުރުކުރުމަށްފަހު އޭނާ ބޭނުންވެފައިވަނީ ޔުވެންޓަސްގައި ދެމިހުރުމަށެވެ. އެންމެ ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ކުލަބުގައި ދެމިހުރުމަށް ބޭނުންވާ ކަމަށާއި މުސާރަ ކުޑަކުރަން ވެސް ތައްޔާރަށް ހުރި ކަމަށެވެ.
ނަމަވެސް ޔުވެންޓަސްގެ ކޯޗު ތިއާގޯ މޮޓާ އަދި ޑައިރެކްޓަރު ކްރިސްޓިއާނޯ ޖުންޓޮލީގެ ޕްލޭންތަކުގައި ޕޮގްބާ ހިމެނިފައެއް ނުވެއެވެ. އެހެންކަމުން ދެފަރާތުން އެއްބަސްވެފައިވަނީ 2024 ވަކިވުމަށެވެ.
2022 ވަނަ އަހަރު ފްރީ ޓްރާންސްފާއެއްގައި ޔުވެންޓަސްއަށް އެނބުރި އައި ފަހުން ޕޮގްބާ ކުލުނީ އެންމެ 12 މެޗުގައެވެ.
ކޮންޓްރެކްޓް ބާޠިލުކުރުމަށްފަހު އިންސްޓަގްރާމްގައި ޕޯސްޓްކުރި މެސެޖެއްގައި ޕޮގްބާ ވަނީ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް، ކުލަބަށް ހެޔޮ އެދުންތައް ފޮނުވާފައެވެ. އޭނާ ބުނީ ސަޕޯޓަރުންނާއެކު އޮތް ގުޅުން އަބަދުވެސް ހަނދާނުގައި ބާއްވާނެ ކަމަށެވެ.









