ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ގޮތުގައި ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސް މުޢިއްޒު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ލޯގޯ ވެސް ތަޢާރަފުކޮށްދެއްވިއެވެ.
ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވަޢުދުތަކާއި އެއްގޮތަށް، ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގެ ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި ހުޅުވައިދެއްވުމާއެކު، ފަރޓިލިޓީ ސެންޓަރެއް އަދި ހައިބްރިޑް ކާޑިއަކް ކެތެޓަރައިޒޭޝަން ލެބް (ކެތް ލެބް) އެއް ވެސް ހުކުރު ދުވަހުގެ ހަވީރު އޮތް މި ރަސްމިއްޔާތުގައި ހުޅުވައިދެއްވިއެވެ. މީގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަކީ ކުޑަކުދިންނަށް ޚާއްޞަ އީ.އާރެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށް ވެސް ރައީސް އިޢުލާންކުރެއްވިއެވެ.
ރަސްމިއްޔާތުގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އަލަށް ތަޢާރަފުކުރެވުނު ޚިދުމަތްތަކާ ބެހޭ ވީޑިއޯ ރިޕޯޓެއް ބެއްލެވުމަށްފަހު، ރައީސް މުޢިއްޒު އަލަށް ހުޅުވުނު ފަރޓިލިޓީ ސެންޓަރާއި، ކުޑަކުދިންގެ އީ.އާރް އަދި ކެތް ލެބަށް ޒިޔާރަތްކުރައްވައި، އެ ބައިތަކުން ދެވޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ސާފުކުރެއްވިއެވެ.
ނޮވެމްބަރު 10 ވަނަ ދުވަހު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ދެއްވި ޚިޠާބުގައި، ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކަކަށް ބަދަލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ގޮތުގައި ހުކުރުދުވަހު ހުޅުވައިދެއްވިއިރު، ރައީސް މުޢިއްޒު މިއަދު ހުޅުމާލެ ހޮސްޕިޓަލް ހުޅުވައިދެއްވުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.






