ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިއަދު "ފަތުރުވެރި ހަވީރު" ގެ ނަމުގައި ޚާއްޞަ އިވެންޓެއް ބާއްވައިފިއެވެ. މި އިވެންޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ 52ވަނަ ހަފްތާ ފާހަގަކުރުމުގެ ގޮތުން ބޭއްވުނު އިވެންޓެކެވެ.
ތުއްތު ކުދިންނަށް އަމާޒުކޮށްގެން ބޭއްވުނު މި އިވެންޓުގައި، ފަތުރުވެރިކަމުގެ މުސްތަޤުބަލަށްޓަކައި ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށީގެ މުހިންމުކަން އަންގައިދިނުމުގެ ތަފާތު ޙަރަކާތްތަކެއް ހިންގުނެވެ. މީގެ ތެރޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމަށާއި، ކަނޑުތަކާއި ފަރުތަކުގެ ދިރުންތައް ރައްކާތެރިކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމުގެ އިތުރުން، ޕްލާސްޓިކުން ތިމާވެށި ސަލާމަތްކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެވުނެވެ.

ފަތުރުވެރިކަމާއިބެހޭ ވުޒާރާއިން މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި އިވެންޓުގެ ތެރެއިން
މި އިވެންޓުގައި ތުއްތު ކުދިންނަށް ޚާއްޞަކޮށްގެން މޫދު ކުޅިވަރުތަކެއް ވަނީ ބާއްވާފައެވެ. މިގޮތުން ފަން ޓިއުބް، ބަނާނާ ބޯޓް އަދި ޖެޓް ސްކީ ފަދަ ކުޅިވަރުތައް ހިމެނެއެވެ. މީގެއިތުރުން، ހޭލުންތެރިކަން އިތުރުކުރުމަށް މަޢުލޫމށތު ފޯރުކޮށްދިނެވެ.
މި ހަވީރުގައި ފަތުރުވެރިކަމުގެ ވަޒީރު އިބްރާހިމް ފައިޞަލް ވަނީ "ފަތުރުވެރިކަމުގެ ދުވެލި 1" ގެ ނަމުގައި ފޮތެއް ނެރެދެއްވާފައެވެ. މި ފޮތުގައި ހިމެނެނީ ފާއިތުވި 52 ހަފްތާގައި ފަތުރުވެރިކަމުގެ ވުޒާރާއިން ކުރެވުނު މަސައްކަތްތަކާއި، މިހާރު ކުރެވެމުންދާ ކަންތައްތަކާއި، އަދި ކުރިއަށް ރޭވިފައިވާ ކަންތައްތަކުގެ މަޢުލޫމާތެވެ.
ހުޅުމާލެ ބީޗުގައި ބޭއްވި މި އިވެންޓުގައި ބައިވެރިވި ކުދިންނަށް ވަނީ ލަކީ ޑްރޯ ހުށަހަޅާފައެވެ. އޭގެތެރޭގައި؛
1 ވަނަ- ތިމާވެށްޓާއި ރައްޓެހި އާދަތަކަށް މަޝްހޫރު ކަންޑިމާ މޯލްޑިވްސްގައި ދެރޭގެ ހުރުން.
2 ވަނަ- ސްޓޯން ހޮޓެލުގައި ދެރޭގެ ހުރުން.
އިތުރު އިނާމުތަކުގެ ތެރޭގައި 3 ކުޑަކުދިންގެ ބައިސްކަލާއި 2 ޑައިވިންގ ފުރުޞަތު ހިމެނެއެވެ.
މި އިވެންޓުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންނަށް ދިވެހިރާއްޖޭގެ ހުދު ދޮންވެލި ތުނޑިތަކާއި، ކަނޑު އަޑީގެ ހިތްގައިމު މުރަކައިގެ ބަގީޗާތަކާއި، އަދި ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ވިސްނައިދީ، ހޭލުންތެރިކަން އިތުރުކުރުމެވެ. މިއީ މާދަމާގެ ޖީލު ފަތުރުވެރިކަމުގެ ސިނާޢަތް ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވޭތީއެވެ.






