އިސްރާއީލް ސިފައިންގެ 9 މީހުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއާއި ދެކުނު ލުބުނާނުގައި ޒަޚަމްވެއްޖެއެވެ.
އިސްރާއީލް ސިފައިންގެ އިދާރާއިން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި މި ނުވަ ސިފައިންގެ ތެރެއިން ދެމީހުން ޒަޚަމްވެފައިވަނީ ޒޣައްޒާގައެވެ. އަދި 7 މީހުން ޒަޚަމްވެފައިވަނީ ދެކުނު ލުބުނާނުގައެވެ.
އިސްރާއީލް ސިފައިންގެ ވެބްސައިޓުން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ޣައްޒާ، ލުބުނާން އަދި ހުޅަނގުއައްސޭރީގައި ހިނގަމުންދާ ހަނގުރާމަތަކުގައި ޖުމްލަ 5،360 ސިފައިން ޒަޚަމްވެފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 794 އިސްރާއީލް ސިފައިން މަރުވެފައިވާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. މި ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލް ސިފައިންގެ ގިނަ އަދަދެއްގެ މީހުން ވަނީ މަރުވެ އަދި ޒަޚަމްވެފައެވެ.
މި ހަނގުރާމައިގައި އިސްރާއީލް ސިފައިންނަށް ލިބެމުންދާ ގެއްލުންތައް އިތުރުވަމުން ދާކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް، އިސްރާއީލުން މި ހަނގުރާމަ ހުއްޓާލާނެކަމުގެ އެއްވެސް އިޝާރާތެއް އަދި ދައްކާފައެއް ނުވެއެވެ.









