ރައީސް ޑރ. މުޢިއްޒު އަކީ ދުރު ވިސްނޭ ޙިކްމަތްތެރި ގަޓު ރައީސެއް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ)ގެ ޑީއެމްޑީ މުޙައްމަދު ނަބީހު ވިދާޅުވެއްޖެއެވެ. ނަބީހު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ފޯސްޓެއްގައެވެ.
ނަބީހު މި ޕޯސްޓް ކުރެއްވީ، އިދިކޮޅު އެމްޑީޕީގެ އިސްވެރިން މި ސަރުކާރަށް އަހަރެއް ވެގެން ދާއިރު، ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއް ނުކޮށް، ރައްޔިތުން ނިކަމެތިކޮށްލާފައިވާ ކަމަށް ބުނެ ޙަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
ނަބީހު ވިދާޅުވީ މިއަދު ރައީސް މުޢިއްޒު ނިންމަވާ ނިންމެވުންންތަކުގެ ފައިދާ އަންނަން އޮތް ޖީލުތަކަށް ކުރާނެކަމަށެވެ. ރައީސް އެގެންދަވަނީ ޤައުމުގައި ހުރި ކުރީގެ ރައީސުންނަށް ޙައްލުކުރަން ކެރިވަޑައިނުގެންނެވި ބޮޑެތި މައްސަލަތައް ޙައްލުކުރައްވަމުންކަމަށް ވެސް ނަބީހު ފާހަގަކުރެއްވިއެވެ.
ނަބީހު އިތުރަށް ވިދާޅުވީ، މިއީ ރައްޔިތުންގެ ޚަޒާނާއަށް ފައިދާވާ ގޮތަށް ގޮތް ނިންމަވަަން ކެރިވަޑައިގަތް ހަމައެކެނި ރާއީސްކަމަށެވެ. އަދި ޤައުމު މިހާރު ދަތުރު ކުރަމުން މިދަނީ މާ އުފާވެރި މާދަމާއަކަށް ކަމަށް ނަބީހު ވިދާޅުވިއެވެ.
ނަބީހް އިޝާރާތް ކުރެއްވީ ޑޮލަރުގެ ކަޅު ބާޒާރުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތައް ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި، އެ ބާޒާރު ކޮންޓުރޯލްކުރާ ފަރާތްތަކަށް ދޫދެއްވުމުގެ ބަދަލުގައި ރައްޔިތުންގެ ފަޅި ރައީސް އިސްކުރައްވާފައިވާތީވެ، އެކަމަށެވެ.
މާލީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އިޞްލާހީ މުހިންމު ފިޔަވަޅުތައް އަޅުއްވަމުންނެވެ. އެގޮތުން ޑޮލަރުން ޢާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ޑޮލަރުން ދެއްކޭނެ ގޮތް ހެދުމާއި، ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާވެސް ޑޮލަރުން ޖަމާކުރުން ފަދަ މުހިންމު ބަދަލުތައް ހިމެނެއެވެ. މިކަންތައްތަކާއި ގިނަ ރިސޯޓުތަކުން އެއްބަސްވިޔަސް މަދު ރިސޯޓުތަކުން ދަނީ މިކަމާއި ދެކޮޅު ހަދަމުންނެވެ. އޭގެތެރޭގައި ޔުނިވާސަލް އަދި ޗަމްޕާ ކުންފުނި ހިމެނެއެވެ.









