ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްޠަފާއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަކިވަކިން ފޮނުއްވި މި މެސެޖުތަކުގައި ރައީސް މުޢިއްޒު ވަނީ އަނިޔާވެރިކަމާއި ނުޢަދުލުވެރިކަމާ ދެކޮޅަށް ފަލަސްޠީނު ރައްޔިތުން ދައްކަމުންދާ ހިތްވަރާއި ކެތްތެރިކަމަށް ތަޢުރީފުކުރައްވާފައެވެ. އަދި ފަލަސްޠީނަށް ރާއްޖެއިން ދެމުންދާ ނުހަނު ތާއީދާއި އެއްބާރުލުން އަލުން ހާމަކުރައްވާފައިވެއެވެ.
މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރީގެ ސަރަޙައްދުތަކުގައި، އިރުމަތީ ޖެރޫސަލަމް ވެރިރަށް ކަމުގައި ހަދައިގެން، މިނިވަން އަދި ސިޔާދަތީ ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ވަކާލާތުކުރަމުންދާނެކަން ރައީސް މުޢިއްޒު ވަނީ އަލުން ހާމަކުރައްވާފައެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސް މުޢިއްޒު ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ދާއިމީ ޞުލްޙައާއި ތަރައްޤީއަށް އެދިވަޑައިގެންފައެވެ. އަދި ރައީސް ޢައްބާސްއަށާއި ބޮޑުވަޒީރު މުސްޠަފާއަށް ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.









