އިސްލާމްކަމާއި އީމާންކަމަށްފަހު މުއުމިނެއްގެ ޙަޔާތުގައި އެންމެ މަތިވެރި ދަރަޖައެއް ލިބިގެންވަނީ އިޙްސާންތެރިކަމަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ އިޙްސާންކަމަކީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި ހެޔޮކޮށް ހިތުން ކަމަށެވެ. އަދި އިޙްސާންތެރިކަމުގެ އަނެއް މާނައަކީ ކަމޭހިތުމާއި އޯގާވެރިވުމާއި ހެޔޮކޮށް ހިތުން ކަމަށްވެސް ޚުތުބާގައި ބުންޏެވެ.
"އިޙްސާންކަމަކީ މުކައްލަފެއްގެ އެންމެހައި ޢަމަލުތަކުގައި ހުރުން ލާޒިމު ސިފައެކެވެ. އޭނާގެ އިސްލާމްކަމާއި އީމާންކަމާއި އަޅުކަމުގައި ވެސް މެއެވެ. އޭނާ އެހެންމީހުންނާ ކުރާ މުޢާމަލާތުގައްޔާއި އަމިއްލަ ނަފުސަށް ކުރާ މުޢާމަލާތުގައި ވެސް މެއެވެ. އޭނާގެ މާލީ މުޢާމަލާތާއި، އަބުރު ހިފެހެއްޓުމާއި، ޢިލްމު އުނގެނުމާއި، އެންމެހައި ޢަމަލުތަކުގައި ވެސް މެއެވެ." ޚުތުބާގައި ބުންޏެވެ.
އިޙްސާންތެރިކަމުގެ ތެރޭގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ގާތްތިމާގެ މީހުންނާ އޮންނަ ރަޙިމުގެ ގުޅުން ދެމެހެއްޓުން ހިމެނޭ ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ. މިގޮތުން ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ޢުމުރާއި ރިޒްޤުގައި ބަރަކާތް ލައްވައި، މަރުމަތި އަމާންވާނެ ކަމެއްކަމަށް ޚުތުބާގައި ބުންޏެވެ.
މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެ ކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުން ކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެ ނަމަ، އެ ދެމީހުންނަށް އުއްފު ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށް ޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރި ރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މި އަޅާ ވީ ދުވަހު، އެ ދެމީހުން މި އަޅާ ބަލައި ބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތްލައްވައިފާނދޭވެ!"
މީގެއިތުރުން، ޔަތީމުންނާއި މިސްކީނުންނާއި ހަނގުރާމައިގެ އަސީރުން ފަދަ ނިކަމެތީންނަށް އެހީތެރިކަން ފޯރުކޮށްދީ ކާންދީ އުޅުމަކީ ވެސް އިޙްސާންތެރިކަމުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަމަށް ޚުތުބާގައި ބުންޏެވެ.
އިޙްސާންތެރިކަމުގެ ސިފަ ލިބިގެންވާ މުއުމިނާގެ އަޅުކަންތަކުގެ ވާހަކަވެސް ޚުތުބާގައި ބުންޏެވެ. މިގޮތުން އިޙްސާންތެރިޔާ ނަމާދުގައި ދެއްކުންތެރިކަމެއް ނުހުންނާނެ ކަމަށާއި، ޒަކާތް ނެރޭނީ ﷲގެ ރުހިވޮޑިގަތުން އެދިގެން ކަމަށާއި، ރޯދައިގައި ކެއިންބުއިން ދޫކޮށްލުމުގެ އިތުރުން އެންމެހައި ގުނަވަންތައް އުރެދުންތަކުން އެއްކިބާކުރާނެ ކަމަށް ޚުތުބާގައި ބުންޏެވެ.
ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ބަސްފުޅެއް ގައިވެއެވެ. (اَلْإِحْسَانُ: أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِن لَّـمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ) މާނައީ: "އިޙްސާންކަމަކީ، ތިބާ ﷲއަށް އަޅުކަންކުރާ ހިނދު، ތިބާ އެކަލާނގެ ދެކެދެކެހުރެ އަޅުކަންކުރާ ފަދައިން އަޅުކަން ކުރުމެވެ. ފަހެ ތިބާއަށް އެކަލާނގެ ނުފެނުނުކަމުގައި ވިޔަސް، އެކަލާނގެ ތިބާއަށް ބައްލަވައިވޮޑިގެންވެއެވެ."
ޚުތުބާގައި ބުނީ އިޙްސާންތެރިކަމަކީ މުއުމިނެއްގެ ޙަޔާތުގައި އެންމެ މަތިވެރި ދަރަޖައެއް ލިބިގެންވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ގިނަގުނަ ދަރުމައާއި ސަވާބު ލިބިގެންދާނެ ކަމަށް ޚުތުބާގައި ބުންޏެވެ.
އެގޮތުން، އިޙްސާންތެރިކަމުގެ މަތިވެރި ސިފަ ލިބިގެންވާ މުއުމިނުންގެ ސިފަތައް ބަޔާންކުރައްވަމުން، އެފަދަ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ލިބޭނެ ދަރުމައާއި ސަވާބުގެ ވާހަކަވެސް ޚުތުބާގައި ފާހަގަކުރިއެވެ. މިގޮތުން އިޙްސާންތެރިކަމުގެ ސަބަބުން ޢުމުރު ދިގުވެ، ރިޒްޤު ތަނަވަސްވެ، ނުބައި މަރަކުން މަރުވުމާ ދުރުވެ، ސުވަރުގެ ވަނުމަށް މަގުފަހިވާނެކަމަށް ޚުތުބާގައި ބުންޏެވެ.
މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށް އިޙްސާންތެރިކަމުގެ މަތިވެރި ސިފަ އަށަގެންނެވުމަށް ޚުތުބާގައި ގޮވާލެއްވިއެވެ. އަދި މިކަމުގެ ސަބަބުން ފަރުދުންނާއި މުޖުތަމަޢު އަދި މުޅި ޤައުމަށް ލިބިގެންދާނެ ލާބައާއި މަންފާގެ ވާހަކައަށް އަލިއަޅުވާލަމުން، މުސްލިމު އުންމަތަށް ހެޔޮ ގޮތްތައް މިންވަރު ކުރެއްވުމަށް އެދި ޚުތުބާގައި ވަނީ ހެޔޮ ދުޢާކޮށްފައެވެ.









