މިއަދުން ފެށިގެން ދިވެހިރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުން މަނާވެއްޖެއެވެ.
މި ނިންމުން ވުޖޫދަށް އައިސްފައިވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙަކާއި ގުޅިގެންނެވެ.
މިދިޔަ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި މި އިޞްލާޙުގެ ދަށުން، ވޭޕް އެތެރެކުރުމާއި، އޭގެ ވިޔަފާރި ކުރުމާއި އަދި ބޭނުންކުރުން ވަނީ މަނާކުރެވިފައެވެ. މި ޤާނޫނަށް ގެނެވުނު އިޞްލާޙުގައި ވާގޮތުން، މި ބަދަލު އަމަލީ ސިފަ ގެންނަން ކަނޑައަޅާފައިވަނީ ނޮވެންބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް ގެނެވުނު މި އިޞްލާޙުގައި މައިގަނޑު ތިން ބަދަލެއް ހިމެނެއެވެ. އޭގެ ތެރޭގައި، މިއަދުން ފެށިގެން ވޭޕް އެތެރެކުރުން މަނާކުރުމުގެ އިތުރުން، ދުންފަތުގެ އުފެއްދުންތަކުގެ ވިޔަފާރީގައި ބައިވެރިވެވޭނެ އެންމެ ހަގު އުމުރު 21 އަހަރަށް އުފުލާލުން ހިމެނެއެވެ.
މީގެ އިތުރުން، އަންނަ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިޔަފާރި ކުރުން ވެސް މަނާވާނެއެވެ. އަދި މި ޤާނޫނާއި ޚިލާފުވާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ކަނޑައެޅިފައިވާކަން ފާހަގަކުރެވެއެވެ.









