ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދަނީ އެހެން ރައީސުންނަށް ކުރައްވަން ކެރިވަޑައިނުގެންނެވި ކަންކަން ނިންމަވަމުންކަމަށާއި، މި ނިންމުންތަކަށް ހުރިހާ ސިޔާސީ ލީޑަރުން މަރުޙަބާ ކިޔައި އެއްބާރުލުން ދޭންޖެހޭކަމަށް މާލޭ ސިޓީ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ. ނަރީޝް މިހެން ވިދާޅުވީ ޑޮލަރު މާރުކުރުމުގެ އައު ޤަވާޢިދާއި ގުޅިގެން ބައެއް ވިޔަފާރިވެރިން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
މި މައްސަލައާއި ގުޅޭގޮތުން ރައީސް މުޢިއްޒު ދެއްވި ބަޔާނަކާއި ގުޅިގެން ނަރީޝް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރިންގެ ޙަޤީޤީ ސިފަ ކުރިއަށް އޮތް ތަނުގައި އިތުރަށް ފެންނާނެ ކަމަށެވެ.
ނަރީޝް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ގިނަ ރައްޔިތުންނަކީ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ބައެއް ކަމަށާއި، ސަރުކާރުން ކަންކަން ނިންމަންވާނީ މެޖޯރިޓީއަށާއި މުޅި ޤައުމަށް ފައިދާވާ ގޮތަށް ކަމަށެވެ. އަދި ރައީސް މުޢިއްޒު މިހާރު ނިންމަވަމުން ގެންދަވަނީ މުޅި ޤައުމަށާއި ރައްޔިތުންނަށް ދިގު ރާސްތާގައާއި ކުރު ރާސްތާގައި ލާބަޔާއި މަންފާ ކުރާނެ، ނަމަވެސް އުނދަގޫ ނިންމުންތަކެއް ކަމަށް ނަރީޝް ފާހަގަކުރެއްވިއެވެ.
"ޤައުމަށް ހެޔޮއެދޭނަމަ ހުރިހާ ސިޔާސީ ލީޑަރުން މި ނިންމުންތަކަށް މަރުޙަބާ ކިޔައި އެއްބާރުލުން ދޭންޖެހޭ،" ނަރީޝް ވިދާޅުވިއެވެ.
ޑޮލަރު މާރުކުރުމުގެ އައު ޤވާޢިދަށް ޢަމަލުކުރުން ހުއްޓާލުމަށް ރާއްޖޭގެ ޓޫރިޒަމް ސިނާޢަތުގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އާއި ޔުނިވަރސަލްގެ ޗެއަރމަން މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ގެ އިތުރުން ނުފޫޒު ގަދަ ބައެއް ވިޔަފާރިވެރިން އަންނަނީ ގޮވާލަމުންނެވެ.
މި އައު ޤަވާޢިދަކީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ބުނާއިރު، ބައެއް ވިޔަފާރިވެރިން ދެކެނީ މިއީ އެމީހުންގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރާނެ ކަމެއްގެ ގޮތުގައެވެ.









