ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ގާނޫނީ އިމުން ބޭރުން ހިންގާ ސިއްރު ވިޔަފާރިތަކެއްގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ބޮޑެތި މާލީ ނަފާތަކެއް ގެއްލެމުންދާ ކަމުގެ ކަންބޮޑުވުން ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވައިފިއެވެ.
އަމިއްލަ ޓީވީ ޗެނަލެއްގައި ބޭއްވި ޚާއްޞަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން، މާޓާޓޯގެ ސެކެޓްރީ ޖެނެރަލް ޢަބްދުﷲ ސުޢޫދު ވިދާޅުވީ ރާއްޖޭގައި ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި އޮފީސްތައް ހަދައިގެން، ސިއްރުން އޮންލައިން ޓްރެވަލް އެޖެންސީ (އޯޓީއޭ) ގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ފަރާތްތައް އެބައުޅޭ ކަމަށެވެ. މިފަދަ ނާޖާއިޒު ވިޔަފާރިތަކުގެ ސަބަބުން ރާއްޖޭގެ ރަސްމީ ފަތުރުވެރިކަމުގެ މާކެޓަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ޕެނަލިސްޓުން ފާހަގަކުރެއްވިއެވެ.
އަޙްމަދު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ފަރާތްތައް ގާނޫނުގެ ތެރެއިން ރަޖިސްޓްރީކޮށް، އޭރު ގައުމުގައި އޮންނަ ޓެކްސް ނިޒާމެއްގެ ތެރެއިން އެމީހުންގެ އަތުން ޓެކްސް ނަގައިގެން ދައުލަތަށް ބޮޑު ނަފާއެއް ހޯދުމަށް މީގެ ކުރިން ވެސް ވަނީ ވަކާލާތުކޮށްފައެވެ. ނަމަވެސް، އަލަށް އެކުލަވާލެވުނު ގާނޫނީ އޮނިގަނޑު އައިއިރު މިކަންކަން އިންތިޒާމުވެފައި އޮތީ އިންޑަސްޓްރީން އުންމީދުކުރި ގޮތަށް ވުރެ ތަފާތުކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ހިންގަމުންދާ 180 އެއްހާ ރިސޯޓުގެ ތެރެއިން 140 އަށް ވުރެ ގިނަ ރިސޯޓަކީ ބޭރުގެ އިންވެސްޓަރުންގެ ހިއްސާ ބޮޑު ތަންތަން ކަމަށްވާއިރު، މިފަދަ ސިއްރު ވިޔަފާރިތައް ހުއްޓުވައި ރަސްމީ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
މި ޕެނަލް ޑިސްކަޝަންގައި ރިސޯޓް ލައިފް އޯނަރު ޝާޒް ވަލީދު އާއި ނެޝަނަލް ބޯޓިންގ އެސޯސިއޭޝަންގެ ރައީސް އަޙްމަދު ޒުބައިރު އާދަމް އަދި މާޓާޓޯގެ ސެކެޓްރީ ޖެނެރަލް ޢަބްދުﷲ ސުޢޫދު ވެސް ބައިވެރިވެވަޑައިގެން، ގައުމުގެ މާލީ އަދި އިގްތިސާދީ ހާލަތާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވިއެވެ. ޕެނަލިސްޓުން ވިދާޅުވީ، ކުރިއަށް އޮތީ ރާއްޖެއަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނާނެ ހައި ސީޒަނެވެ. އަދި މިފަދަ ވަގު ވިޔަފާރިތަކާއި ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށްޓަކައި ސަރުކާރުން މިހާރު ފަށާފައިވާ ހަރުދަނާ ފިޔަވަޅުތަކާއެކު، ގާނޫނުތައް ބަރާބަރަށް ތަންފީޒުކޮށްގެން މެނުވީ އިގްތިސާދީ ހަގީގީ ހަމަޖެހުމެއް ނުލިބޭނެ ކަމަށް ވެސް ބައިވެރިން ފާހަގަކުރެއްވިއެވެ.









