ލުބުނާނަށް ކޮންމެ ވަގުތެއްގައިވެސް ހަމަލާދެވޭނެ ގޮތަށް ބޭއްވުމަށް އިސްރާއީލުން ބޭނުންވާކަމަށް ފްރާންސްގެ ބޮޑުވަޒީރު ޖީން-ނޯއެލް ބެރ ވިދާޅުވެއްޖެއެވެ.
އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކުރަމުންދާ ވަގުތެއްގައި އިސްރާއީލުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށްފަހު ބޭއްވުނު ޕާލިމެންޓަރީ ހިއަރިންގއެއްގައި ވާހަކަދައްކަވަމުން ބެރޯ ވިދާޅުވީ މިއީ ލުބުނާނުގެ މިނިވަންކަމާ ފުށުއަރާ ކަމެއް ކަމަށެވެ. އެހެންނަމަވެސް އިސްރާއީލުގެ ދިފާއީ ވަޒީރު އިޒްރާއެލް ކަޓްޒް ވިދާޅުވެފައިވަނީ ޓެރަރިޒަމާ ދެކޮޅަށް އަމިއްލައަށް މަސައްކަތްކުރުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާ ކަމަށެވެ.
ފްރާންސްއިން ވަނީ އެމެރިކާއާއެކު ލުބުނާނުގައި ވަގުތީ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް މި މަސައްކަތް ވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހުއްޓިފައެވެ.
ފުރާންސުން ބުނީ އެމެރިކާގެ އެހީތެރިކަން ނުލިބެނީސް މި ހަނގުރާމަ ހުއްޓައެއް ނުލެވޭނެއެވެ. އަނެއްކޮޅުން ހިޒްބުﷲއިން ބުނަނީ ޣައްޒާގައި ދެމުންދާ ޙަމަލާތައް ހުއްޓާނުލަނީސް އިސްރާއީލަށް ހަމަލާ ދިނުން ހުއްޓައެއް ނުލާނެ ކަމަށެވެ.









