ޔަމަނުގެ ހޫޘީން އެމެރިކާގެ އެއަރކްރާފްޓް ކެރިއަރަކަށާއި ދެ ޑެސްޓްރޯޔަރަކަށް ޙަމަލާ ދީފިއެވެ.
ހޫޘީންގެ ސިފައިންގެ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވީ، މި ޙަމަލާތައް ކާމިޔާބުވެފައިވާ ކަމަށެވެ. ނަމަވެސް ޕެންޓަގަނުގެ ތަރުޖަމާނު، އެއަރ ފޯސް މޭޖަރ ޖެނެރަލް ޕެޓްރިކް ރައިޑަރ ވިދާޅުވި ގޮތުގައި، ބާބުލް މަންދަބު ހުރަސްކުރަމުންދިޔަ އެމެރިކާގެ އުޅަނދުތަކަށް ހޫޘީން ދެމުންދިޔަ ގިނަ ޙަމަލާތައް ވަނީ ހުއްޓުވާލެވިފައެވެ. މި ޙަމަލާތަކުގައި ދެ މިސައިލް ޑެސްޓްރޯޔަރަކަށް 8 ޑްރޯން، 5 އެންޓި-ޝިޕް ބެލިސްޓިކް މިސައިލް، އަދި 3 އެންޓި-ޝިޕް ކްރޫޒް މިސައިލުން ޙަމަލާދީފައިވާ ކަމަށް ރައިޑަރ ވިދާޅުވިއެވެ.
ހޫޘީން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރަތް ކަނޑާއި އަދަން ސަރަޙައްދުން މިހާތަނަށް 90 އަށްވުރެ ގިނަ އުޅަނދަށް ޙަމަލާދީފައެވެ. ހޫޘީން މި ޙަމަލާތައް ދެނީ ޣައްޒާގައި އިސްރާއީލުން ހިންގާ ޖަރީމާތަކާއި ދެކޮޅަށެވެ. އެގޮތުން ހޫޘީން ޙަމަލާތައް އަމާޒު ކުރަނީ އިސްރާއީލުގެ ކުންފުނިތަކުގެ ބޯޓުފަހަރުތަކާއި، ޣައްޒާގައި ނަސްލު ނައްތާލުމަށް ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދޭ ކުންފުނިގަކާއި ގުޅުން އޮންނަ ބޯޓުގަކަށެވެ.
މި ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އިސްރާއީލާއި އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ހޫޘީންގެ ބާރުގެ ދަށުގައިވާ ޔަމަނުގެ ސަރަޙައްދުތަކަށް ޙަމަލާދެމުން ގެންދެއެވެ.









