ވޭޕް މަނާކުރާ ބިލު ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.
ވޭޕް ބޭނުންކުރުން މަނާކޮށް އޭގެ ވިޔަފާރިކުރުން މަނާކޮށް ދުންފަތުގެ އިސްތިޢުމާލު ކުރުމާ ބެހޭ ޤާނޫނަށް އިޞްލާޙް ގެނައުމަށް ހުށަހަޅާފައިވާ ބިލު ރައީސް ޑރ.މުޢިއްްޒު ތަަަަަަޞްދީޤުކުރެއްވީ ރޭގެ ވަގުތެއްގައެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަޙްމަދު އައިފާނެވެ.
އިއްޔެ މަޖިލީހުންވަނީ 54 މެމްބަރުންގެ ވޯޓާއެކު އެ ބިލު ފާސްކޮށްފައެވެ. ބިލާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުލެއްވި ނަމަވެސް، އެއް މެމްބަރަކު ވަނީ ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ވޯޓުދެއްވާފައެވެ.
މިމަހުގެ ހަަވަނަ ދުވަހު ބާއްވާފައިވާ އިޖްތިމާއީ ކޮމެޓީގައި އެ ބިލަށް އިޞްލާޙްތަކެއް ގެނެސްފައިވެއެވެ. އެ ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި، ކުޑަކުއްޖަކަށް އީ-ސިނގިރޭޓް އަދި ވޭޕް ކުރުމަށް ގެންގުޅޭ އެއްވެސް އާލާތެއް ވިއްކައިފި ނަމަ، 50،000 ރުފިޔާއިން އެމީހަކު ޖޫރިމަނާކުރުން ހިމަނާފައިވެއެވެ.
މި ބިލު ހުށަހަޅަން މެދުވެރި މައިގަނޑު ސަބަބަކީ ވޭޕުގެ ނަމުގައި މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރި ފަށާފައި ވާތީއެވެ.
ރައީސް މި ބިލް ތަސްދީޤު ކުރެއްވުމާއެކު، އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕްކުރަން ގެންގުޅޭ އެއްވެސް އާލާތެއް އެތެރެކުރުމަކީ ޤާނޫނުން މަނާވާނެ ކަމެކެވެ. އަދި އަންނަ މަހުގެ 15 އިން ފަށައިގެން އެ ވިއްކުމާއި، ހިލޭ ސާބަހަށް ބެހުމާއި، ބޭނުންކުރުން ވެސް މަނާ ވާނެއެވެ.
ސަރުކާރުން ދުންފަތުގެ އިސްތިޢުމާލާއި ދެކޮޅަށް މި އަޅަމުން ގެންދާ ފިޔަވަޅުތަކާއެކު، އެކްސްޕޯޓު އަދި އިންޕޯޓުކުރުމުގެ ޤާނޫނަށް ބަދަލު ގެނެސް، ބިޑި އާއި ސިނގިރޭޓުން ނަގާ ޑިއުޓީ ވަނީ ތިން ރުފިޔާއިން އަށް ރުފިޔާއަށް އިތުރުކޮށްފައެވެ.
މި އެޅި ފިޔަވަޅާ އެކު ބާޒާރުގައި ސިނގިރޭޓުގެ އަގު ވަނީ މިހާރު ވަަރަށް ބޮޑަށް އުފުލިފައެވެ.









