ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލްކުރުމަކީ ޤަބޫލުފުޅު ކުރައްވާ ހަމައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މި ވާހަކަ ދެއްކެވީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
މި ބިލަކީ މީޑިއާތައް ކޮންޓްރޯލްކުރަން ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުން ދިޔަ ނަމަވެސް، ސޯޝަލް މީޑިއާގައި ރައީސް ހިއްސާކުރެއްވި ޕޯސްޓެއްގައި މި ތުހުމަތުތައް ދޮގުކުރައްވައި، ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލްކުރުމަކީ އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ހަމައެއް ނޫން ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފު ނުވާހާ ހިނދަކު، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުން ކަމެއް ކޮށް އުޅުމުގެ ޙައްޤު އޮންނާނެ ކަމަށެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ޤާނޫނުގެ ނަމުގައި މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައިވާ ގޮތުން، ބިލު ޤާނޫނަކަށް ވުމުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި އައު ކޮމިޝަނެއް އުފެދިގެންދާނެއެވެ. މި ކޮމިޝަން ވެގެންދާނީ މިނިވަން ޤާނޫނީ ޝަޚްޞަކަށް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.









