ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑާއި ޑްރަގް ކޯޓާ ދެމެދު މަޝްވަރާކުރެއްވީ މިދިޔަ މަހުގެ 17ވަނަ ދުވަހުއެވެ.
މި މަޝްވަރާގައި ވަނީ ޑްރަގް ކޯޓުގެ ދަށުން ފަރުވާއަށް ޙުކުމް ކުރެވި ފަރުވާ ތަންފީޛު ކުރަން ފެށުމަށްފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު އިތުރަށް ޙަރުދަނާކުރުމަށް ނިންމާފައެވެ.
އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުން ފުލުހުން މެދުވެރިކޮށް މަގުމަތިން ނަގަން ފަށަފައިވާ ކަމަށެވެ. އަދި ފަރުވާއަށް އެއްބާރުލުން ނުދޭ މީހުން އެކަމަށް އެއްބާރުލުން ދިނުމަށް ރާޝިދު ވަނީ އެދިވަޑައިގެންފައެވެ.
"މަގުމަތީގައި ފަރުވާއަށް ނުގޮސް ހުކުމް ތަންފީޛުނުވެ ހުރުމުގެ ފުރުޞަތު ދެނެއް އަޅުގަނޑުމެންނެއް ނުދޭނަން. ފަރުވާއަށް އަންނަން ޖެހޭ 200އަށް ވުރެ ގިނަ މީހުން އެބަތިބި. އޭގެ ތެރޭގައި އެކި ޙާލަތްތަކުގައި ތިބި މީހުން ތިބޭނެ. އޭގެ ތެރޭގައި ކޮމިއުނިޓީއަށް ހުކުމްކޮށްފައި ތިބި މީހުންވެސް އެބަތިބި. ބޮޑަށް މި ފޯކަސްކުރަނީ އަޅުގަނޑުމެންގެ ސިސްޓަމްގެ ތެރެއަށް ނުވަދެ ތިބި މީހުން ހަމަ މަގަށް އަޅުވާ އެ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް." ރާޝިދު ވިދާޅުވިއެވެ.
މިކަމަކީވެސް އުސޫލެއްގެ ތެރެއިން ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވާ ރާޝިދު ވިދާޅުވީ ޑްރަގް ފަރުވާއަށް ހުކުމްކޮށްފައި ތިބޭނީ އެންޑީއޭއަށް ފަރުވާއަށް އަންނަން އެންގިފައިވާ މީހުން ކަމަށެވެ.
ފަރުވާ ތަންފީޛު ކުރަން ފެށުމަށް ފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމަށް އެންޑީއޭ އިން މަޝްވަރާކުރައްވާފައި ވާއިރު ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ މަރުކަޒު ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.
މި މަރުކަޒުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައެވެ.
ރާއްޖެއިން ބޭރުން ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މެލޭޝިޔާގެ ސޮލޭސް އޭޝިއާ ސީޑީއެން ބީއެޗްޑީއާއެކު އެމްއޯޔޫގައި ސޮއިކުރެވި އެންޑީއޭން ހުއްދަ ދީފައިވާ ސެންޓަރެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
އެ އެޖެންސީން ދެމުންގެންދާ ރިމާންޑް ސެންޓަރުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، އެންޑީއޭގެ ރެޒިޑެންޝަލް ފަރުވާގެ ޚިދުމަތްދެވޭ ހުރިހާ މަރުކަޒުތަކުން ރިމާންޑް ސެންޓަރުގެ ޚިދުމަތް ދެވޭނެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.
އަދި ގއ. ދާންދޫ ޞިއްޙީ މަރުކަޒާއި ނޭޝަނަލް ޑްރަގް އޭޖެންސީ ގުޅިގެން އެރަށުގައި ޑިޓޮކްސްގެ ޚިދުމަތް ފަށާފައިވާ ކަމަށާއި ފުވައްމުލައް ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުން މެތަޑޯން ފަރުވާގެ ޚިދުމަތް މިއަހަރުގެ މާރޗު ފަށާފައިވާ ކަމަށް އެންޑީއޭއިން މީގެ ކުރިން ބުނެފައިވެއެވެ.









