ސީރިޔާގެ ވެރިރަށް ދިމިޝްޤަށް ޔަހޫދީ ފައުޖުގެ ސިފައިން ދިން ނިރުބަވެރި ޙަމަލާއެއްގައި ޢާންމުންގެ 7 މީހުން ޝަހީދުވެއްޖެއެވެ. ސޫރިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި ޙަމަލާ އަމާޒުކޮށްފައިވަނީ ދިމިޝްޤުގެ އަލް-ސައްޔިދާ ޒަޔިނަބު ޑިސްޓްރިކްޓުގައި ހުރި ޢާންމުން ދިރިއުޅޭ އިމާރާތަކަށެވެ.
މި ޙަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް ސޫރިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވެއެވެ. އަދި 20 ވަރަކަށް މީހުން ޒަޚަމުވެފައިވާ ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
މިއީ ފާއިތުވި ދެހަފުތާގެ ތެރޭގައި ޔަހޫދީ ފައުޖުން ދިމިޝްޤުގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ދީފައިވާ ދެވަނަ ޙަމަލާއެވެ. އަލް-ސައްޔިދާ ޒަޔިނަބު ޑިސްޓްރިކްޓަކީ ލުބްނާންގެ ޙިޒްބުﷲގެ މުޖާހިދުން ހަރަކާތްތެރިވާ ކަމަށް ބެލެވޭ ސަރަޙައްދެކެވެ.
ދިމިޝްޤަށް ދިން ޙަމަލާގެ ޒިންމާ އުފުލަން ޔަހޫދީން ދެކޮޅު ހަދާފައިވާއިރު، މިއީ ސޫރިޔާއަށް ދޭ ޙަމަލާތަކާއިމެދު ޔަހޫދީން އަބަދުވެސް ޢަމަލުކުރަމުންދާ ގޮތް ކަމަށް ފާހަގަކުރެވެއެވެ.
ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ޢުދުވާނާއި ގުޅިގެން، ޙިޒްބުﷲއިން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް ޙަމަލާދޭން ފެށުމާއި ގުޅިގެން، ޔަހޫދީ ފައުޖުން ވަނީ ލުބްނާނުގެ އެކި ސަރަޙައްދުތަކަށްވެސް ޙަމަލާދީފައެވެ. މި ޙަމަލާތަކުގައި ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ޝަހީދުވެ، ޒަޚަމުވެފައިވެއެވެ.









