އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސް މާދަމާގެ ނިޔަލަށް އިތުރުކުރުމަށް މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މިގޮތަށް ފާސްކޮށްފައިވަނީ ބަޖެޓުގެ ބަހުސްގައި ވާހަކަދައްކަން ބޭނުންވާ މެންބަރުން ވާހަކަދައްކާ ނިމެންދެންނެވެ.
56.6 ބިލިއަން ރުފިޔާގެ މި ބަޖެޓު މަޖިލީހަށް ހުށަހެޅުއްވީ މާލީ ވަޒީރު މޫސާ ޒަމީރު އެވެ. އެއީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. ބަޖެޓުގެ ބަހުސް މަޖިލީހުގައި ފެށީ އިއްޔެއެވެ.
މަޖިލީހުގެ ރިޔާސަތުން ވަނީ ބަޖެޓުގެ ބަހުސްގައި ވާހަކަދައްކަން ބޭނުންވާ މެންބަރުން ވާހަކަދައްކާ ނިމެންދެން މިރޭ 11 އާ ހަމައަށް ވަގުތު އިތުރުކޮށް، މާދަމާ ވެސް ބަހުސް ކުރިއަށް ގެންދަން ވޯޓަށް އަހާފައެވެ. މި ވޯޓުގައި 52 މެންބަރުންގެ އިއްތިފާގުން ވަގުތު އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ.
މިފަހަރު ބަޖެޓު ހުށަހެޅުމަށްފަހު އެންމެ ފުރަތަމަ ވަނީ ބަޖެޓު ކޮމިޓީއެއް އެކުލަވައިލާ، ބަޖެޓު ދިރާސާކުރުން ކުރިއަށް ގެންގޮސްފައެވެ. އޭގެފަހުން ތަޅުމުގައި މެންބަރުން ބަހުސްކުރަން ފަށާފައިވެއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ހިމެނެއެވެ.
އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. މީގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމެނެއެވެ. ދަރަނި އަނބުރާ ދެއްކުމަށް 3.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މި ބަޖެޓުގެ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ. އެއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 7.9 އިންސައްތައެވެ. މިއީ ފަހުގެ ތާރީޚެއްގައި ނިސްބަތުން އެންމެ ޑެފިސިޓް ކުޑަ ބަޖެޓެވެ.